ބޮލީވުޑް

ޕްލާސްޓިކް ސާޖަރީ ހަދަނިކޮށް އިންޑިއާ ބަތަލާއަކު މަރުވެއްޖެ

ސަރުބީ ނަގަން ޕްލާސްޓިކް ސާޖަރީއެއް ހަދަނިކޮށް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން އިންޑިއާގެ ޓީވީ ބަތަލާއެއް ކަމަށްވާ ޗެތާނާ ރާޖް މަރުވެއްޖެ އެވެ. އޭނާ މަރުވީ ކަރްނާޓަކާ ސްޓޭޓުގެ ބެންގަލޫރޫގެ ޕްރައިވެޓް ޕްލާސްޓިކް ސާޖަރީ ހޮސްޕިޓަލެއްގަ އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ބަތަލާ ޕްލާސްޓިކް ސާޖަރީ ހަދަން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ޕްލާސްޓިކް ސާޖަރީއަށް ފަހު ކުއްލިއަކަށް ޗެތާނާ ފުއްޕާމޭގައި ފެން ހެދެން ފެށީ އެވެ. އަދި ފަހުން ހިތް ހުއްޓިގެން މަރުވީ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޗެތާނާގެ ހިތް ހުއްޓުމުން ހިތް އަލުން ހިނގާތޯ 45 ވަރަކަށް މިނިޓް ވަންދެން ޑޮކްޓަރުން ވަނީ ސީޕީއާރް ދިފަ އެވެ. ނަމަވެސް އޭނާގެ ހިތް އަލުން ހިނގާގޮތް ނުވެ މަރުވީ އެވެ.

އިންޑިޔާގެ މަޝްހޫރު ޓީވީ ސިލްސިލާއެއް ކަމަށްވާ "ގީތާ" ގައި ޗެތާނާ ބައިވެރިވެފައި ވެއެވެ. އަދި މިނޫނަސް ބައެއް ސިލްސިލާތަކާއި ކަންނާޑާ ފިލްމެއް ވެސް ޗޭތާނާ ކުޅެފައި ވެއެވެ.

އިންޑިއާގެ ނޫސްތަކުގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޗެތާނާ މި ސާޖަރީ ހަދާ ވާހަކަ އޭނާގެ މައިންބަފައިންނަށް އަންގާފައެއް ނުވެ އެވެ. ޕްލާސްޓިކް ސާޖަރީ ހަދަން އޭނާ ހޮސްޕިޓަލަށް ދިޔައީ އެކުވެރިން ތަކަކާ އެކުގަ އެވެ.

ރާވާފައި އޮތް ގޮތަށް ސާޖަރީގެ ކަންކަން ނުދިއުމުން އެތަނުގައި ތިބި ޑޮކްޓަރުން ވަނީ އިމަޖެންސީކޮށް ޗެތާނާ އެތާ ކައިރީ ހުރި ބޮޑު ހޮސްޕިޓަލަކަށް ފޮނުވާލާފަ އެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ.

މިހާރު ޗެތާނާގެ މައިންބަފައިން ބުނަނީ މިކަން މިގޮތަށް ދިމާވީ ޕްލާސްޓިކް ސާޖަރީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިހުމާލުން ކަމަށެވެ. އެތަނުގައި ޕްލާސްޓިކް ސާޖަރީ ހަދަން ބޭނުންވާ އެކަށީގެންވާ އިކްއިޕްމަންޓްސް ނެތް ކަމަށް ވެސް އެމީހުން ބުނެ އެވެ.

ޗެތާނާގެ ބައްޕަ ބުނި ގޮތުގައި ސަރުބީތަކެއް ނަގަން ޕްލާސްޓިކް ސާޖަރީއެއް ހަދަން އުޅޭ ވާޙަކަ ޗޭތާނާ އެމީހުން ކައިރީގައި ބުނެފައި ވެއެވެ. ނަމަވެސް އެމީހުން އެކަމާ ދެކޮޅު ހެދުމުން އޭނާ ސާޖަރީ ހަދަން ދިޔައީ އެމީހުންނަށް ނޭނގި ސިއްރުން އެކުވެރިންތަކަކާ އެކުގަ އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ޗޭތާނާ އަކީ ސިއްހަތު މުޅިން ރަނގަޅަށް ހުރި ވަރަށް ޒުވާން ކުއްޖެކެވެ. ވީމާ އެހާ ކުޑަ ސާޖަރީއެއް ހަދަނިކޮށް އޭނާގެ ފުރާނަ ދިޔައީ ސާޖަރީ ހެދި ޑޮކްޓަރުންގެ ސަބަބުންނެވެ.

މިހަރު ޗޭތާނާގެ އާއިލާގެ މީހުން ތައްޔާރުވަމުން ދަނީ ޕްލާސްޓިކް ސާޖަރީ ހެދި ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރުމަށެވެ.