ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޕޮޒިޓިވްވީ 133 މީހުން

ރާއްޖެއިން އިތުރު 133 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 73،931 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 43 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 72 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 13 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،381 މީހުންނެވެ. މިހާތަނަށް 70،325 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 24 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހާލުބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދާ ހަމައަށް 213 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް މިއަދުން ފެށިގެން ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 ކުރުކުރަން ވަނީ ނިންމާފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދަ އުވާލާ ހުއްދައާ ނުލައި އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ އެވެ. އަދި ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.

ރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރަންވެސް ވަނީ ފަށާފައެވެ.

ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދޭން ވެސް ވަނީ ނިންމާފަ އެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.