ޓެކްނޯލޮޖީ

ވިންޑޯޒް 11 ރާސްބެރީ ޕައިގައި

މައިކްރޮސޮފްޓް ވިންޑޯޒް 10 މާކެޓްގައި އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ދޭތެރެ ދޭތެރެއިން ކޫސަނި ކަމެއް މެދުވެރިވި ނަމަވެސް ބޭނުން ކުރަން މާބޮޑު ހުރަސްތަކެއް ދިމައެއް ނުވެ އެވެ. އެހެންކަމުން ވިންޑޯޒް 10 ވެފައި ވަނީ މައިކްރޮސޮފްޓް ވިންޑޯޒް އަދަދުތަކުގެ ތެރެއިން ބޭނުން ކުރަން އެންމެ ފަސޭހަ އޮޕަރޭޓިން ސިސްޓަމަށެވެ.

ވިންޑޯޒް 11 އަންނަނީ އެވެ. މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި އާންމުކޮށް ބޭނުން ކުރަން ލިބޭނެ އެވެ. އެހެން ނަމަމެސް އޮތް ބިރަކީ ވިންޑޯޒް 11 ބޭނުން ކުރުމަށްޓަކައި ހާޑްވެއާގެ ފެންވަރު މަތިކުރަން ޖެހުމެވެ. ވިންޑޮޒް 10 މިހާރު ހިންގާ ބައެއް ކޮމްޕިއުޓަރުތަކުގައި ވިންޑޯޒް 11 ނުހިންގިދާނެ ކަމަށް އޮތް ނުތަނަވަސް ކަމެވެ.

ވިންޑޯޒް 11 ރާސްބެރީ ޕައިގައި ބޭނުން ކުރެވޭ ވާހަކަ އިވުމުން ރާސްބެރީ ޕައިގެ ފޭނުން މިހާރު ތިބީ ވިންޑޯޒް 11 އަށް ބޭނުންވާ ހާޑްވެއާގެ މަތިން ހަނދާން ނެތިފަ އެވެ. ރާސްބެރީ ޕައިގައި ވިންޑޯޒް 11 ފުރިހަމަ އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ބޭނުން ކުރެވުމަކީ ގިނަ ބަޔަކަށް ހުވަފެނެކެވެ.

މައިކްރޮ އެސްޑީ ކާޑަކަށް ވިންޑޯޒް 11 އަޅާފައި ރާސްބެރީ ޕައި ހިންގޭތޯ ބަލަން ވާނެ އެވެ. ގޭގެ ބަގީޖާއަށް ފެން ދޭން މިހާރު ވެސް ބޭނުންކުރާ މޮޑިއުލްތައް ކޮންޓްރޯލް ކުރަނީ ރާސްބެރީ ޕައި ބޭނުން ކޮށްގެންނެވެ. ވިންޑޯޒް 11 ކަހަލަ ފުލް ގްރެފިކް އޮޕަރޭޓިން ސިސްޓަމެއް ރާސްބެރީ ޕައިއަށް ލިބުމަކީ ދެން ހުރި އުނދަގޫތައް ހަނދާން ނެތޭ ވަރުގެ ކަމަކަށް ވާނެ އެވެ.