ސުއޭޒް ކެނަލް

ސުއޭޒް ކެނަލް: ކޮންޓެއިނާ ބޯޓު ދޫކޮށްލަނީ

މިސްރުގެ ސުއޭޒް ކެނަލްގައި މާސިންގާ ކޮންޓެއިނާ ބޯޓެއް ތާށިވެ މަގު ބަންދުވި މައްސަލާގައި، އެ ބޯޓު – އެވާ ގިވަން އަދި ވެސް އޮތީ ސުއޭޒް ކެނަލް އޮތޯރިޓީގެ ބެލުމުގެ ދަށުގަ އެވެ. އެހެން ނަމަވެސް އެ އޮތޯރިޓީއާއެކު ކުރެވުނު މަޝްވަރާތަކުން ބޯޓު ދޫކޮށްލަން ރަސްމީ އެއްބަސް ވުކަމަށް އާދެވިއްޖެ ކަމަށް ޔޫކޭ ކުލަބުން ބުނެފި އެވެ. ޔޫކޭ ކުލަބަކީ ކާގޯ ބޯޓުގެ އިންޝުއަރެންސް ކުންފުޏްޏެވެ.

ސުއޭޒް ކެނަލް އޮތޯރިޓީ އާއެކު ޔޫކޭ ކްލަބުން ކުރި މަޝްވަރާ ތަކަށް ފަހު ބޯޓު ފުރުވާލުން ލަސް ނުވާނެ ކަމަށް ވަނީ ބުނެ އެވެ. އެކަމަކު ދެފަރާތުން އެއްބަސްވި މާއްދާތަކާ ބެހޭ ގޮތުން އެއްވެސް ބަޔަކު އަދި ވާހަކައެއް ނުދައްކަ އެވެ. ބޯޓުން ފުރުން މިހާ ބޮޑަށް ލަސްވެފައި ވަނީ ސުއޭޒް ކެނަލް އޮތޯރިޓީން ބަދަލަށް ބުނާ އަދަދު ބޮޑުވުމެވެ.

ސުއޭޒް ކެނަލް އޮތޯތީޓީން ބުނެފައި އޮތީ މަގު ބަންދުމުވުގެ ސަބަބުން ލިބުނު ގެންލުންތަކަށް ބަދަލު ނުދެނީސް ބޯޓު ދޫކޮށް ނުލާނެ ކަމަށެވެ. ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރާބީ ވިދާޅުވީ މަޝްވަރާ ކުރެވިދާނެ ކަމަށާއި ރަނގަޅު ބަދަލެއް ލިބެން ޖެހޭ ކަމަށެވެ.

އެމްވީ އެވާ ގިވަން ނަމަކަށް ކިޔާ ކާގޯ ބޯޓް ސުއޭޒް ކެނަލްގައި ތާށިވީ މާޗް 23، އަންގާރަ ދުވަހު އެވެ. ޖަޕާން ކުންފުންޏަކަށް މިލްކު ވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން މުދާ ބަރުކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ.

ސުއޭޒް ކެނަލްގައި ކޮންޓެއިނާ ބޯޓު ތާށިވި ފަހުން ކަނޑުއޮޅި މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ދަތިވި އެވެ. މާޗް މަސް ނިމުނުއިރު ވެސް ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ. މިކަމާ ގުޅިގެން ލިބުނު ގެއްލުންތަކަށް މިސްރުން ބަދަލު ހޯދާނެ ކަމަށް ކުރިން ވެސް ބުންޏެވެ.

އުސާމާ ވިދާޅުވި ގޮތުން ސުއޭޒް ކެނަލް އޮތޯރިޓީން އަންދާޒާކުރާ ގެއްލުތަކަށް އެއްބިލިއަން ޑޮލަރު އަރާނެ އެވެ. އޭނާ ވިދާޅުވީ ބޯޓު އޮޕަރޭޓްކުރާ ކުންުފުނިން މިބަދަލު ދޭން ޖެހެ އެވެ. ބޯޓު ތާށިވެފައި އޮތުމުން ލިބުނު ގެއްލުމުގެ އިތުން ފުންކުރަން ކުރި މަސައްކަތްތަކަށް ވެސް އަގު ދައްކަން ޖެހޭނެ އެވެ.