ދުނިޔެ

ސުއޭޒް ކެނަލްގައި ތާށިވި ބޯޓް އަނެއްކާވެސް ސުއޭޒް ކެނަލަށް

މިސްރުގެ ސުއޭޒް ކެނަލްގައި މިއަހަރު މާޗް 23، އަންގާރަ ދުވަހު ތާށީވި މާސިންގާ ކޮންޓެއިނާ ބޯޓް، އެމްވީ އެވާ ގިވަން އޮގަސްޓް 20 ގައި ސުއޭޒް ކެނަލް ދެވަނަ ފަހަރަށް ހުރަސްކުރި ކަމަށް ރޮއިޓާސް އިން ރިޕޯޓްކުރި އެވެ.

ރޮއިޓާސް އެއިރު ބުނީ އެއީ ތާށިވި ފަހުން އެވާ ގިވަން ސުއޭޒް ކެނަލް ހުރަސްކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އެހެން ނަމަވެސް މީޑިއާތަކުން މިޚަބަރު އެހެން ގޮތަކަށް އެބަ ރިޕޯޓް ކުރެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުން އެވާ ގިވަން އަނެއްކާވެސް ސުއޭޒް ކެނަލް ހުރަސްކުރަނީ އެވެ. އަދި ބުނަނީ މިއީ ތާށިވި ފަހުން އެވާ ގިވަން ސުއޭޒް ކެނަލް ހުރަސްކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އޮފިޝަލުން ބުނާ ގޮތުން އެވާ ގިވަން މިހާރު އޮތީ ކުރިން ތާށިވި ސަރަހައްދު ފަހަނަޅައި ކަނޑުއޮޅި ތެރޭގައި، ކިޔޫގަ އެވެ. އެއްވެސް ތަނެއްގައި ބީހުމެއް ނެތި ރައްކާތެރިކަމާ އެކު އުޅަނދު ދަތުރުކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބްލޫމްބާގް ބުނާ ގޮތުން އެވާ ގިވަން ދަތުރުކުރަނީ ނެދަލޭންޑްސްގެ ރޮޓަޑަމް އަށެވެ. މުދާ އަރުވާ ބަރާކޮށްގެން ދަތުރުކުރާ އެވާ ގިވަން ސުއޭޒް ކެނަލުން ނެއްޓި މާކަނޑަށް ނުކުތުމުން ބޮޑު ކާމިޔާބަަކަށް ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ބިޔަ ބޯޓު ސުއޭޒް ކެނަލްގައި ތާށިވީ ޗައިނާއިން މުދާ ބަރު ކޮށްގެން ނެދަލޭންޑްސް އަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ. ބޯޓް ފުން ކުރެވުނީ ހަ ދުވަސް ފަހުން، މާޗް 29 ގައެވެ.

މިހާދިސާގައި ސުއޭޒް ކެނަލް މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ދަތިވި އެވެ. މާޗް މަސް ނިމުނުއިރު ވެސް ސުއޭޒް ކަނޑުއޮޅި ހުރަސްކުރަން ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ.

ސުއޭޒް ކެނަލް ބަންދުވުމުގެ ސަބަބުން މިސްރަށް ލިބެން ޖެހޭ އާމްދަނީން ދުވާލަކު 12 – 15 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް ސެއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ފުރަތަމަ ބުނީ ގެއްލުންތައް ފޫބެއްދުމަށް 916 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ބޯޓު ދޫކޮށްލީ 550 މިލިއަން ޑޮލަރު ދައްކަން އެއްބަސްވުމުންނެވެ.