ދުނިޔެ

ތާށިވި ބޯޓް އަނެއްކާ ސުއޭޒް ކެނަލް ހުރަސް ކުރަނީ

މިއަހަރު މާޗް 23، އަންގާރަ ދުވަހު މިސްރުގެ ސުއޭޒް ކެނަލްގައި ތާށީވި މާސިންގާ ކޮންޓެއިނާ ބޯޓް، އެމްވީ އެވާ ގިވަން، އަނެއްކާވެސް ސުއޭޒް ކެނަލް ހުރަސްކުރަނީ އެވެ. އޮފިޝަލުން ބުނާ ގޮތުން މިއަދުގެ ކޮންމެވެސް ވަގުތެއްގައި މިބޯޓް ސުއޭޒް ކެނަލް ހުރަސްކުރާނެ އެވެ.

އެމްވީ އެވާ ގިވަން މިހާރު އެ ދަތުރުކުރަނީ އިނގިރޭސިވިލާތުން ސިންގަޕޫރަށެވެ. އޮފިޝަލުން ބުނާ ގޮތުން މިދަތުރުގެ ބޭނުމަކީ ސުއޭޒް ކެނަލްގައި ބޯޓް ތާށިވުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ހުރިތޯ ބެލުމެވެ. ކޮންޓެއިނާ ބޯޓް ދަތުރުކުރަމުންދަނީ ބަރާކޮށް ނޫން ކަމަށެވެ އެވެ.

ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ބިޔަ ބޯޓު ސުއޭޒް ކެނަލްގައި ތާށިވީ ޗައިނާއިން މުދާ ބަރު ކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ. ބޯޓް ފުން ކުރެވުނީ ހަ ދުވަސް ފަހުން، މާޗް 29 ގައެވެ.

ކޮންޓެއިނާ ބޯޓް ފުން ކުރެވުމުން ވެސް ދަތުރަށް ނުފުރި މަޑުކުރަން ޖެހުނެވެ. އެއީ ސުއޭޒް ކެނަލް އޮތޯރިޓީން ބޯޓު ފުންކުރަން ކުރި މަސައްކަތްތަކަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ބަދަލުދޭނެ ގޮތެއް ހަމަނުޖެހި އޮތުމުންނެވެ.

މިހާދިސާގައި ސުއޭޒް ކެނަލް މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑު އުނދަގޫވި އެވެ. މާޗް މަސް ނިމުނުއިރު ވެސް ސުއޭޒް ކަނޑުއޮޅި ހުރަސްކުރަން ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ.

ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން މިސްރަށް ލިބެން ޖެހޭ އާމްދަނީން ދުވާލަކު 12 – 15 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް ސެއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ. އެ އޮތޯރިޓީން ފުރަތަމަ ބުނީ ގެއްލުންތައް ފޫބެއްދުމަށް 916 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ބޯޓު ދޫކޮށްލީ 550 މިލިއަން ޑޮލަރު ދައްކަން އެއްބަސްވުމުންނެވެ.

އެވްމީ އެވާ ގިވަން ދަތުރުކުރަން އޮތް މަންޒިލް، ނެދަލޭންޑްސްގެ ރޮޓަޑަމްގައި ބަނދަރުކުރެވުނީ ސުއޭޒް ކެނަލްގައި ތާށިވިތާ ހަތަރު މަސް ފަހުންނެވެ.