ދުނިޔެ

ސުއޭޒް ކެނަލް: ބަދަލު ދިނުމުގައި މުދަލުގެ ވެރިން ހިއްސާވާން އެދެފި

ސުއޭޒް ކެނަލްގައި ތާށިވި ކޮންޓެއިނާ ބޯޓް، އަދި ވެސް އޮތީ މިސްރުގެ ބެލުމުގެ ދަށުގަ އެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ މަގު ބަންދު ވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ނުދެނީސް ބޯޓު ދޫކޮށް ނުލާނެ ކަމަށެވެ. ދޭން ޖެހޭ ބަދަލަކީ 916 މިލިއަން ޑޮލަރެވެ.

ސުއޭޒް ކެނަލް އޮތޯރިޓީއަށް ބަދަލު ދިނުމަށްޓައި ބައިނަލް އަގުވާމީ މެރިޓައިމް ގާނޫން ހުއްދަ ކުރާ މުއާމަލާތްތަކުގެ ދަށުން ބޯޓުގެ ވެރި ކުންފުނިން މިހާރު މަސައްކަތް ކުރަނީ މުދަލުގެ ވެރިން ގެއްލުމުގައި ހިއްސާވާން ޖެހޭ މިންވަރު ކަނޑައެޅުމަށެވެ. މިގޮތަށް ލިބޭ ބޮޑެތި ގެއްލުންތަކަށް ބަދަލު ދިނުމުގައި މުދަލުގެ ވެރިން ހިއްސާ ވުމަކީ ލާޒިމް ކަމެކެވެ.

ބޯޓް، ސުއޭޒް ކެނަލްގައި ހުރަސްވެ މަގުބަންދުވީ މާޗް 23، އަންގާރަ ދުވަހު އެވެ. ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން މުދާ ބަރު ކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ. އެއީ ގާތްގަނޑަކަށް 18،000 ކޮންޓެއިނާ އެވެ.

ބޯޓުގެ ވެރި ކުންފުނިން ބުނާ ގޮތުން މުދަލުގެ ވެރިންނަށް މިހާރު ވާނީ ނޯޓިސް ފޮނުވާފަ އެވެ. އެހެން ނަމަވެސް ދައްކަންޖެހޭ ނިސްބަތާއި ތަފުސީލް ހާމަކޮށްފައެއް ނުވެ އެވެ. މުދަލުގެ ވެރިން ހިއްސާވާން ޖެހޭނީ ބޯޓުގައި އެބައެއްއް މުދާ ހުރި ނިސްބަތުންނެވެ. ގެއްލުން ކަވަރު ކުރަނީ އިންޝުއަރެންސުންނެވެ.

ސުއޭޒް ކެނަލް އޮތޯރިޓީއަށް ދައްކަން ޖެހޭ އަދަދަކީ ޔާދަޔާ ޚިލާފު ބޮޑު އަދަދެއް ކަމަށް އިންޝުއަރެންސް ކުންފުނިން ބުނެ ވަނީ ޝަކުވާ ކޮށްފަ އެވެ. ބޯޓުން އުފުލާ މުދާ އިންޝުއާ ކުރަނީ ޔޫކެ ކުލަބުންނެވެ. މި މުއާމަލާތާ ގުޅޭ ބައެއް މައްސަލަތައް މިސުރުގެ ކޯޓުގައި މިހާރު ވެސް އެބަ ހިނގަ އެވެ.