ދުނިޔެ

ސުއޭޒް ކެނަލް: ބޯޓު ފުންކުރި ފަހުން 113 ބޯޓް ކެނަލް ހުރަސްކޮށްފި

ސުއޭޒް ކެނަލްގައި ތާށިވި ބިޔަ ކޮންޓެއިނާ ބޯޓު "އެމްވީ އެވާ ގިވަން" ހޯމަ ދުވަހު ފުންކުރި ފަހުން 113 ބޯޓު ހުރަސް ކޮށްފި ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީއިން ބުނެފި އެވެ. ކެނަލް ހުރަސް ކުރަން އަދިވެސް ކިޔޫގައި 309 ބޯޓު އޮތް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ސުއޭޒް ކެނަލްގައި ބޯޓު ތާށިވެފައި އޮތް ސަރަހައްދަށް މިސްރުގެ ރައީސް، އަބްދުލް ފައްތާހް އަލްސީސީ ވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުއޭޒް ކެލަން އޮތޯރިޓީގެ ވެރިޔާ އޮސާމާ ރާބީ ވިދާޅުވި ގޮތުން ބޯޓުތައް ދަތުރުކުރެވޭ ގޮތްވި ނަމަވެސް ކިޔޫ މުޅިން ސާފުވެ އާދައިގެ ހާލަތަށް ބަދަލުވާން ދެތިން ދުވަސް ނަގާނެ އެވެ.

ރާބީ ވިދާޅުވީ "އެމްވީ އެވާ ގިވަން" އަށް ވުރެ ބިޔަ ބޯޓުފަހަރު ވެސް ކެނަލް ހުރަސްކޮށްފައިވާ ކަމަށާއި މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

"ދުނިޔޭގެ ކަޑުތަކުގައި ދުއްވާ ވައްތަރުތަކުގެ 52 ޕަސެންޓް ބޯޓަށް އޮމާންކަމާއެކު ކެނަލް ހުރަސްކުރެވޭ،" ރާބީ ވިދާޅުވި އެވެ. "މިއީ ވަރަށް ގިނަ އަދަދެއް" އޭނާ ވިދާޅުވީ އެހެން ކަނޑުއޮޅިތަކަށް ވުރެ ސުއޭޒް ކެނަލް ހުރަސްކުރާ ބޯޓުފަހަރު ގިނަ ކަމަށެވެ.

ސުއޭޒް ކެނަލްގައި "އެމްވީ އެވާ ގިވަން" ތާށިވީ މިމަހު 23، އަންގާރަ ދުވަހު އެވެ. ބޯޓު ފުންކުރެވުނީ ތާށިވެފައި އޮންނަތާ ހަފުތާއެއްވާން އުޅެނިކޮށެވެ. ބޯޓު ފުންކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ތުރުކީ، އެމެރިކާ އަދި ޗައިނާއިން ހުށަހަޅާފައިވެ އެވެ.

"އެމްވީ އެވާ ގިވަން"ގެ ދިގުމިނުގައި 400 މީޓަރު ހުރެ އެވެ. އެއީ ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިނެވެ. މި ބޯޓު ރެޖިސްޓާކޮށްފައި ވަނީ ޕެނަމާގަ އެވެ. އޮޕަރޭޓް ކުރަނީ ޓައިވާންގެ އެވާގްރީން ކުންފުނިންނެވެ. ބޯޓް ދަތުރު ކޮށްފައި ދަނީ ޗައިނާ / މެލޭޝިއާއިން ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށް 220،000 ޓަނަށް ވުރެ ގިނަ ކާގޯ އަރުވައިގެންނެވެ.

ސުއޭޒް ކެނަލްއަކީ މެޑިޓަރޭނިއަންއާ ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރު ކުރާ ބޯޓު ފަހަރު މި ކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ. އެގޮތުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ. އެނޫން ގޮތެއްގައި ބޯޓުތައް ދަރުކުރަން ޖެހެނީ މުޅި އެފްރިކާ ބައްރު ވަށާލާފަ އެވެ.

އިންޗްކޭޕް ޝިޕިންގް ސާވިސަސްއިން ބުނީ "އެމްވީ އެވާ ގިވަން" މައިކަނޑަށް ނެރުމުގެ ކުރިން ބޯޓަށް އެއްވެސް ކަހަލަ ގެއްލުމެއް ވެފައިވޭތޯ ބަލާނެ ކަމަށެވެ. އަދި ބޯޓުގެ އިންޖީން އަދި އިލެކްޓްރިކް / އިލެކްޓްރޯނިކް ނިޒާމް މުޅިން ރަނގަޅުތޯ ވެސް ބަލާނެ ކަމަށެވެ. އެމަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެ އެވެ.