ސުވޭޒް ކެނަލް

ސުއޭޒް ކެނަލްގައި ތާށިވި ކޮންޓެއިނާ ބޯޓް ރޮޓަޑަމްގައި ބަނދަރުކޮށްފި

މިސްރުގެ ސުއޭޒް ކަނޑުއޮޅީގައި ތާށިވި މާސިންގާ ކޮންޓެއިނާ ބޯޓް، އެވްމީ އެވާ ގިވަން ނެދަލޭންޑްސްގެ ރޮޓަޑަމްގައި ބަނދަރު ކޮށްފި އެވެ. މި ބޯޓަށް އަސްލު މަންޒިލަށް ދެވިފައި މިވަނީ ސުއޭޒް ކެނަލްގައި ތާށިވިތާ ހަތަރު މަސް ފަހުންނެވެ

އެމްވީ އެވާ ގިވަން ކޮންޓެއިނާ ބޯޓް ސުއޭޒް ކެނަލްގައި ތާށިވީ މިއަހަރު މާޗް 23، އަންގާރަ ދުވަހު އެވެ. ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން މުދާ ބަރު ކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ. ބޯޓް ފުން ކުރެވުނީ ހަ ދުވަސް ފަހުން، މާޗް 29 ގައެވެ.

ސުއޭޒް ކެނަލްގައި ކޮންޓެއިނާ ބޯޓު ތާށިވުމުގެ ސަބަބުން ކަނޑުއޮޅި މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑު އުނދަގޫވި އެވެ. މާޗް މަސް ނިމުނުއިރު ވެސް ސުއޭޒް ކަނޑުއޮޅި ހުރަސްކުރަން ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ.

އެމްވީ އެވާ ގިވަން ފުން ކުރެވުނު ނަމަވެސް ސުއޭޒް ކެނަލް އޮތޯރިޓީން ކުރި މަސައްކަތްތަކަށާއި ލިބުނު އެހެން ގެއްލުންތަކަށް ބަދަލުދޭނެ ގޮތެއް ހަމަނުޖެހި މަޑުކުރަން ޖެހުނީ އެވެ.

ރޮޓަޑަމް ބަނދަރަށް ކޮންޓެއިނާ ބޯޓް ވަންނަ ތަން ބަލަން ހުންނަވައި ބަނދަރުގެ ޑައިރެކްޓަރު ހޭންސް ނޭގްޓެގަލް އޭއެފްޕީއަށް ވިދާޅުވީ ހާސްކަން މުޅިން ފިލައި އުފާވެއްޖެ ކަމަށެވެ.

ނޭގްޓެގަލް ވިދާޅުވީ ހޯމަދުވަހާ ޖެހެންދެން ބޯޓް އޮންނާނި ރޮޓަޑަމް ބަނދަރުގައި ކަމަށާއި އެއަށް ފަހު އިނގިރޭސިވިލާތަށް ދާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސުއޭޒް ކެނަލްގައި ބީހުމުގެ ސަބަބުން ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލައި ޗެކްކުރަން ފްރާންސަށް ވެސް ދާނެ ކަމަށެވެ.

ސުއޭޒް ކެނަލް ބަންދުވުމުގެ ސަބަބުން މިސްރަށް ލިބެން ޖެހޭ އާމްދަނީން ދުވާލަކު 12 – 15 މިލިއަން ޑޮލަރު ގެއްލުން ލިބިފައިވާ ކަމަށް ސެއޭޒް ކެނަލް އޮތޯރިޓީން ހާމަކުރި އެވެ. ކޮންޓެއިނާ ބޯޓު ތާށިވުމުގެ ސަބަބުން ލިިބުނު ގެއްލުމަށް 916 މިލިއަން ޑޮލަރު ދޭން ސުއޭޒް ކެނަލް އޮތޯރިޓީ އެދުނު ނަމަވެސް އެއްބަސްވެވުނީ 550 މިލިއަން ޑޮލަރަށެވެ.

ސުއޭޒް ކެނަލް ހުރަސްކުރާ ބޯޓްތަކުން މިސްރަށް ވަރަށް ބޮޑު އާމްދަނިއެއް ލިބެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަހަރަކު ފަސް ބިލިއަން ޑޮލަށް ވުރެ ގިނައިން ސުއޭޒް ކެނަލުން މިސްރުގެ މާލިއްޔަތަށް ވައްދައިދެ އެވެ.