ދުނިޔެ

ސުއޭޒް ކެނަލަށް އޭޕްރީލްގައި ރެކޯޑް އާމްދަނީއެއް

މިސްރުގެ ސުއޭޒް ކެނަލަށް މަހެއްގެ މައްޗަށް މިހާތަނަށް ލިބުނު އެންމު ބޮޑު އާމްދަނީ ލިބިފައި ވަނީ މިދިއަ އޭޕްރީލްގައި ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފި އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއާމަން އުސާމާ ރާބީ ވިދާޅުވީ ހަމައެކަނި ބޯޓް ޓްރާންސިޓް ފީގެ ގޮތުގައި ވެސް އެ އޮތޯރިޓީއަށް މިދިއަ އޭޕްރީލްގައި 629 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ މިދިއަ އަހަރުގެ ހަމަ މިމުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 13.6 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރަތްކަނޑު ހުރަސްކޮށް ބޯޓުތައް މެޑިޓަރޭނިއަނަށް ކުރި ދަތުރުތައް ވެސް 6.3 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

ސުއޭޒް ކެނަލް ހުރަސްކޮށް މަހެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކާގޯ އުފުލާފައި ވަނީ ވެސް މިއަހަރުގެ އޭޕްރީލްގައި ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އުސާމާ ރާބީ ވިދާޅުވި ގޮތުގައި ފާއިތުވި ދެތިން އަހަރު އެ އޮތޯރިޓީއަށް އުންމީދީ އާމްދަނީއެއް ނުލިބެ އެވެ. އެއީ ކޮވިޑްގެ ސަބަބުންނާއި ސުއޭޒް ކެނަލްގައި ތާށިވި މާސިންގާ ކާގޯބޯޓް، އެވާ ގިވަންގެ ސަބަބުންނެވެ.

އެމްވީ އެވާ ގިވަން ނަމަކަށް ކިޔާ މާސިންގާ ކޮންޓެއިނާ ބޯޓެއް، މިސްރުގެ ސުއޭޒް ކެނަލްގައި މާޗް 23، 2021 އަންގާރަ ދުވަހު ތާށީވުމުގެ ސަބަބުން މުޅި ކެނަލް ބަންދުވެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. ބޯޓް ފުން ކުރެވުނީ ހަދުވަސް ފަހުން، މާޗް 29 ގައެވެ.

ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ބިޔަ ބޯޓު ސުއޭޒް ކެނަލްގައި ތާށިވީ ޗައިނާއިން މުދާ ބަރު ކޮށްގެން ނެދަލޭންޑްސް އަށް ދަތުރު ކުރަނިކޮށެވެ. އެއިރު ބޯޓުގައި 220،000 ޓަނުގެ މުދާ ހުރިކަމަށް ރަސްމީ ރެކޯޑުތަކުން ދައްކަ އެވެ.

މިހާދިސާގައި ސުއޭޒް ކެނަލް މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ދަތިވި އެވެ. މާޗް މަސް ނިމުނުއިރު ވެސް ސުއޭޒް ކަނޑުއޮޅި ހުރަސްކުރަން ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ.

ސުއޭޒް ކެނަލް ބަންދުވުމުގެ ސަބަބުން މިސްރަށް ލިބެން ޖެހޭ އާމްދަނީން ދުވާލަކު 12 – 15 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް ސެއޭޒް ކެނަލް އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ފުރަތަމަ ބުނީ ގެއްލުންތައް ފޫބެއްދުމަށް 916 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ބޯޓު ދޫކޮށްލީ 550 މިލިއަން ޑޮލަރު ދައްކަން އެއްބަސްވުމުންނެވެ.