ދުނިޔެ

ސުއޭޒް ކެނަލް: މަގު މުޅިން ސާފުވެ ދަތުރުތައް އާންމު ހާލަތަށް

ސުއޭޒް ކެނަލް އޮތޯރިޓީން މިހާރު އާ ވާހަކައެއް އެބަ ބުނެއެވެ. އެއީ ކަނޑުއޮޅި ހުރަސް ކުރަން ކިޔޫގައި އޮތް 422 ބޯޓުގެ ތެރެއިން އެންމެ ފަހު ބުރުގައި 61 އުޅަނދު ހުރަސް ކުރުމުން، މަގު މުޅިން ސާފުވެ ދަތުރުތައް އާންމު ހާލަތަށް ރުޖޫއަކުރެވިއްޖެ އެވެ.

ސުއޭޒް ކެނަލްގައި "އެމްވީ އެވާ ގިވަން" ނަމަކަށް ކިޔާ ބިޔަ ކޮންޓެއިނާ ބޯޓު ތާށިވިފަހުން ކަނޑުއޮޅި މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވި އެވެ. މާރިޗް މަސް ނިމުނުއިރު ވެސް ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ "އެމްވީ އެވާ ގިވަން" އަށް މެދުވެރިވި ހާދިސާގެ ސަބަބުން އުނގެނެވިއްޖެ ކަމަށާއި ބޮޑުތި ބޯޓުފަހަރަށް މަތު ތަނަވަސްކޮށްދިނުމަށް އަވަދިނެތި މަސައްކަތްކުރާނެ ކަމަށެވެ. އަދި ބުނީ ބޯޓު ފުންކުރެވުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ.

ސުއޭޒް ކެނަލްގައި "އެމްވީ އެވާ ގިވަން" ތާށިވީ މާރިޗު 23، އަންގާރަ ދުވަހު އެވެ. ބޯޓު ފުންކުރެވުނީ ތާށިވެފައި އޮންނަތާ ހަފުތާއެއްވާން އުޅެނިކޮށެވެ. ބޯޓު ފުންކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ތުރުކީ، އެމެރިކާ އަދި ޗައިނާއިން ހުށަހަޅާފައިވެ އެވެ.

"އެމްވީ އެވާ ގިވަން"ގެ ދިގުމިނުގައި 400 މީޓަރު ހުރެ އެވެ. އެއީ ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިނެވެ. މި ބޯޓު ރެޖިސްޓާކޮށްފައި ވަނީ ޕެނަމާގަ އެވެ. އޮޕަރޭޓް ކުރަނީ ޓައިވާންގެ އެވާގްރީން ކުންފުނިންނެވެ. ބޯޓް ދަތުރު ކޮށްފައި ދަނީ ޗައިނާ / މެލޭޝިއާއިން ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށް 220،000 ޓަނަށް ވުރެ ގިނަ ކާގޯ އަރުވައިގެންނެވެ.

ސުއޭޒް ކެނަލްއަކީ މެޑިޓަރޭނިއަންއާ ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރު ކުރާ ބޯޓު ފަހަރު މި ކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ. އެގޮތުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ. އެނޫން ގޮތެއްގައި ބޯޓުތައް ދަރުކުރަން ޖެހެނީ މުޅި އެފްރިކާ ބައްރު ވަށާލާފަ އެވެ.

އިންޗްކޭޕް ޝިޕިންގް ސާވިސަސްއިން ބުނީ "އެމްވީ އެވާ ގިވަން" މައިކަނޑަށް ނެރުމުގެ ކުރިން ބޯޓަށް އެއްވެސް ކަހަލަ ގެއްލުމެއް ވެފައިވޭތޯ ބަލާނެ ކަމަށެވެ. އަދި ބޯޓުގެ އިންޖީން އަދި އިލެކްޓްރިކް / އިލެކްޓްރޯނިކް ނިޒާމް މުޅިން ރަނގަޅުތޯ ވެސް ބަލާނެ ކަމަށެވެ. އެމަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެ އެވެ.

"އެމްވީ އެވާ ގިވަން" ސުއޭޒް ކެނަލްގައި ތާށިވި މައްސަލާގައި ބޯޓުގެ ފަޅުވެރިންނަށް ދައުވާކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މަޝްރަހުގައި ހުރި ޚަބަރުތަކަށް ބަލާއިރު ބޯޓު މެނޭޖްކުރާ ކުންފުނި ޖޫރިމަނާކުރުމާ މެދު ސުއޭޒް ކެނަލް އޮތޯރިޓީން ގޮތެއް ނިންމާނެ އެވެ.