ސުއޭޒް ކެނަލް

ސުއޭޒް ކެނަލް: ކޮންޓެއިނާ ބޯޓް ފުންކޮށްފި

ސުއޭޒް ކެނަލްގައި ތާށިވި ބިޔަ ކޮންޓެއިނާ ބޯޓް "އެމްވީ އެވާ ގިވަން" ފުން ކުރެވިއްޖެ ކަމަށް އިންޗްކޭޕް ޝިޕިންގް ސާވިސަސްއިން ބުނެފި އެވެ. އެހެން ނަމަވެސް ސުއޭޒް ކެނަލް ހުޅުވައި ދަތުރުފަތުރު އާންމު ހާލަަތަށް ގެނެވޭނެ ތާރީހެއް ސުއޭޒް ކެނަލް އޮތޯރިޓީން އަދި ނުބުނެ އެވެ.

އިންޗްކޭޕް ޝިޕިންގްއިން ބުނީ އެވާ ގިވަން މައިކަނޑަށް ނެރުމުގެ ކުރިން ބޯޓަށް އެއްވެސް ކަހަލަ ގެއްލުމެއް ވެފައިވޭތޯ ބަލާނެ ކަމަށެވެ. އަދި ބޯޓުގެ އިންޖީން އަދި އިލެކްޓްރިކް / އިލެކްޓްރޯނިކް ނިޒާމް މުޅިން ރަނގަޅުތޯ ވެސް ބަލާނެ ކަމަށެވެ.

އެމްވީ އެވާ ގިވަންގެ ދިގުމިނުގައި 400 މީޓަރު، ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިން ހުރެ އެވެ. މިދިއަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބޯޓް އޮތީ ސުއޭޒް ކަނޑުއޮޅިއަށް ހުރަސްވެ ތާށިވެފަ އެވެ. ސުއޭޒް ކެނަލް އޮތޯރީޓީން ބުނާ ގޮތުން މިހާރު ވެސް 300 ބޯޓު ކިޔޫގައި އެބަ އޮތެވެ.

މި ބޯޓު ރެޖިސްޓާކޮށްފައި ވަނީ ޕެނަމާގަ އެވެ. އޮޕަރޭޓް ކުރަނީ ޓައިވާންގެ އެވާގްރީން ކުންފުނިންނެވެ. ބޯޓް ދަތުރު ކޮށްފައި ދަނީ ޗައިނާ / މެލޭޝިއާއިން ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށް 220،000 ޓަނަށް ވުރެ ގިނަ ކާގޯ އަރުވައިގެންނެވެ.

ސުއޭޒް ކެނަލްއަކީ މެޑިޓަރޭނިއަންއާ ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރު ކުރާ ބޯޓު ފަހަރު މި ކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ. އެގޮތުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ. އެނޫން ގޮތެއްގައި ބޯޓުތައް ދަރުކުރަން ޖެހެނީ މުޅި އެފްރިކާ ބައްރު ވަށާލާފަ އެވެ.