ދުނިޔެ

ސުއޭޒް ކެނަލް: ބޯޓު ބީހެން މެދުވެރިވީ ހަމައެކަނި ވައިގަދަވެގެނެއް ނޫން

ސުއޭޒް ކެނަލްގައި ކޮންޓެއިނާ އުފުލާ ބިޔަ ބޯޓެއް ބީހި މަގު ބަންދުވުމާ ގުޅިގެން މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީ އަންނަނީ ބޯޓު ފުންކުރަން މަސައްކަތް ތަކެއް ކުރަމުންނެވެ. ސުއޭޒް ނެކަލްއަށް ބޯޓު، އެމްވީ އެވާ ގިވަން ހުރަސްވެ ތާށިވާން މެދުވެރި ސަބަބަކީ ވައިގަދަވުން ކަމަށް ބުނެ ވާހަކަދެކެވުނު ނަމަވެސް، ސުއޭޒް ކެނަލް އޮތޯރީޓީގެ ވެރިޔާ އުސާމާ ރާބީ ވިދާޅުވަނީ ހަމައެކަނި ސަބަބަކީ އެއީ ނޫން ކަމަށެވެ.

"ވައިގަދަވެ މޫސުން ގޯސްވުމެއް ނޫން ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ،" ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އުސާމާ ބިދާޅުވި އެވެ. "ޓެކްނިކަލް މައްސަލަ އަކަށް ވެސް ވެދާނެ. އުޅަނދު އޮޕަރޭޓްކުރުމުގައި އެރި އޮޅުމަކަށް ވެސް ވެދާނެ" އޭނާ ވިދާޅުވީ ބީހެން މެދުވެރި ސަބަބު ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ސަބަބު ހޯއްދަވާނެ ކަމަށެވެ.

ބޯޓު ފުންކުރެވޭނެ ދުވަހަކާ ބެހޭ ގޮތުން ސުވާލުކުރުމުން އުސާމާ ވިދާޅުވީ އޮއިވަރު ގަދަވުމުން ބޯޓަށް އަންނަ ބަދަލު ކޮންމެ ދުވަހަކު ވެސް ބައްލަވާ ކަމަށާއި ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައި ގަންނަވާނި އަދި ދެ ތިން ދުވަސް ފަހުން ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު މިހާރު ވެސް ކޮންމެ ވެސް ވަރަކަށް ގުޑުވާލައި ބުރަފަތި އަނބުރާލެވޭ ވަރު ކުރެވިއްޖެ ކަމަށެވެ.

އެމްވީ އެވާ ގިވަންގެ ދިގުމިނުގައި 400 މީޓަރު، ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިން ހުރެ އެވެ. މިދިއަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބޯޓް އޮތީ ސުއޭޒް ކަނޑުއޮޅިއަށް ހުރަސްވެ ތާށިވެފަ އެވެ. ސުއޭޒް ކެނަލް އޮތޯރީޓީން ބުނާ ގޮތުން މިހާރު ވެސް 300 ބޯޓު ކިޔޫގައި އެބަ އޮތެވެ.

މި ބޯޓު ރެޖިސްޓާކޮށްފައި ވަނީ ޕެނަމާގަ އެވެ. އޮޕަރޭޓް ކުރަނީ ޓައިވާންގެ އެވާގްރީން ކުންފުނިންނެވެ. ބޯޓް ދަތުރުކޮށްފައި ދަނީ ޗައިނާ / މެލޭޝިއާއިން ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށް 220،000 ޓަނަށް ވުރެ ގިނަ ކާގޯ އަރުވައިގެންނެވެ.

ސުއޭޒް ކެނަލްއަކީ މެޑިޓަރޭނިއަންއާ ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރު ކުރާ ބޯޓު ފަހަރު މި ކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ. އެގޮތުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ. އެނޫން ގޮތެއްގައި ބޯޓުތައް ދަރުކުރަން ޖެހެނީ މުޅި އެފްރިކާ ބައްރު ވަށާލާފަ އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެމެރިކާގެ ނޭވީ، ޗައިނާގެ ތަޖުރިބާކާރުން އަދި އެމިރޭޓްސް އިން އަންނަނީ އެހީތެރިވަމުންނެވެ.