ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއިން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ގަތަރުގެ ވެރިރަށް ދޯހާގައި ބައްދަލުކުރައްވައި ވަނީ ތާރީހީ ސަލާމަކުން ދެއަތް ޖޯޑުކުރައްވައި ސަލާމްކުރައްވާފަ އެވެ.
ސީސީ ވިދާޅުވި ގޮތުގައި ސަމާލްކުރެއްވުމަށް އުދުޣާން އަތްދިއްކުރެއްވުން ރަމްޒީ ކަމެއް ގޮތުގައި އޮވެ ނިމިގެން ނުދާނެ އެވެ. އޭނާ އަދި ވިދާޅުވީ އެއީ ކައިރޯ އާއި އަންކާރާއާ ދެމެދު ގާތް ގުޅުންތަކެއް އުފެދި ބަދަހިވާ ޖެހިފައި އޮތް ކަމުގެ ނިޝާނެކެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް2022 ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުރުދުޣާން އާއި ސީސީ ދޯހާގައި ބައްދަލު ކުރައްވައި ސަަމާމްކުރެއްވުމަކީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ދުވަސްތަކެއް ވަންދެން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހު ދެ ލީޑަރުން ސަލާމްކުރެއްވުމާ ހިސާބުން ދެ ގައުމުގެ ދެމެދުގައި އާ ބާބެއް ފެށި ވަނީ ތާރީހު ޖަހަން ފަށާފަ އެވެ.
ދެގައުމުގެ ދެމެދުގައި މަޝްވަރާތަކަށް ތަންދެއްވާނެ ކަމަށް އުރުދުޣާން ވެސް ވަނީ ވިދާޅުވެފަ އެވެ.
އަންކާރާ އާއި ކައިރޯއާ ދެމެދުގައި އޮތް ގުޅުން ކަނޑައިގެން ދިޔައީ 2013ގައި މިސްރުގެ އަސްކަރިއްޔާގެ ވެެރިއަކަށް އަބްދުލް ފައްތާހް އައްސީސީ ހުންނެވިއިރު -- މިސްރަށް ގެނައި އަސްކަރީ ބަޣާވާތަކާ ގުޅިގެންނެވެ.
މިސްރުގައި އެއިރު ވެރިކަމުގައި ހުންނެވި މުސްލިމް ބްރަދާހޫޑްގެ މުހައްމަދު މުރުސީ ވެރިކަމުން ދުރުކޮށް ސީސީ ވެރިކަމަށް ވަޑައިގަތުން ތުރުކީއަށް ވެފައި އޮތީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ.
މުހައްމަދު މުރުސީއާ އުރުދުޣާންގެ ސަރުކާރާ ދެމެދު ބަދަހި އަދި އަޑިއަޑިން ވަރުގަދަ ގުޅުންތަކެއް އޮންނަ ކަމަށް އެއިރު ވެސް ވާހަކަ ދެކެވުނެވެ.
އަދި މުރުސީ މަގާމުން ދުރުކޮށް ޖަލަށްލުމާ ގުޅިގެން މިސްރާ އެކު އޮތް ގުޅުން ތުރުކީން ކަނޑާލުމުން މުސްލިމް ބުރަދާހޫޑާ މެދު ތުރުކީ ދެކޭ ގޮތް ވަރަށް ބޮޑަށް ދުނިޔެއަށް ސާފުވި އެވެ.
ސަރަހައްދީ މަސްލަހަތުގެ ދިފާއުގައި ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްވެ ކުރަމުން ގެންދާ މަސައްކަތްތަކުގައި ތުރުކީ ވެސް މިހާރު އޮތީ ބައިވެެރިވެފަ އެވެ.
ގައުމުތަކުގެ މެދުގައި މަޝްވަރާއަށް ދޮރު ހުޅުވާލައި މިސްރާ އެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ތުރުކީން މިދިއަ އަހަރު ވެސް ވަނީ ބުނެފަ އެވެ.
ތުރުކީ އާއި މިސްރުގެ ރައީސުން ބައްދަލު ކުރައްވައި ސަލާމް ކުރެއްވުމުން މަޝްވަރާ ތަކުގައި ރަސްމީ ސިފަ ޖެހުނީ ކަމަށް އޮފިޝަލުން ބުނެ އެވެ.