ނަޝީދަށް އަމާޒު ކުރި ހަމަލަ

"ހަމަލާގައި ސަރުކާރު ބައިވެރިވާ ކަމަށް ގަބޫލު ނުކުރަން"

ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒު ކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރު ބައިވެރިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

"އާސްކް ސުޕީކާ" ޕްރޮގްރާމްގައި އާންމު ފަރާތަކުން ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ސަރުކާރުގެ އަތެއްވާ ކަމަށް ގަބޫލު ކުރައްވަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ "ހައެއްފަހެއް" ގެ ހަމަލާއަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ދިން ހަމަލާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ސަރުކާރުކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ އިސްލީޑަރު ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ އަތެއް ހަމަލާގައި އޮންނާނެކަން ގަބޫލު ކުރަން ވަރަށް ދަތިފުޅު ކަމަށެވެ.

އެހެން ނަމަވެސް ވިދާޅުވީ ބޮންގޮއްވި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން ކަމަށް އެކަނި ނުވާނެ ކަމަށާއި އެ ހަމަލާ ރޭވުމުގަޔާއި ހަރަދު ކުރުމުގައި ބައިވެރިވި މީހުން ވެސް އާންމުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށާއި އެމީހުންގެ އަމާޒަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ހަމަލާގައި ބައިވެރިވި މީހުން ނުހޯދިނއްޖެނަމަ މާލެ ތެރޭގައި އުޅުއްވަން އެ މަނިކުފާނަށް ވަރަށް އުދަގޫވާނެ ކަމަށާއި ފުލުހުނަށް އޮންނަ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށެވެ.