ކްރިމިނަލް ކޯޓް

އަލިމަނިކު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހއ. މޮޅަދޫ، ބަހާރުގޭ، އަލިމަނިކު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

އަލި މަނިކާ އެކު ހައްޔަރުކުރި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމުގެ މައްޗަށްވެސް ދައުލަތުން މިދައުވާ އުފުލި އެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ މުހައްމަދު ތަސްލީމުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

މި ދެ މީހުންގެ މައްޗަށް އުފުލި ދައުވާއަށް ދެ މީހުންވެސް އިންކާރުކޮށްފައިވާތީ ކުށް ސާބިތުކުރަން ދައުލަތުން ހެކި ހުށަހެޅި އެވެ.

އަލިމަނިކުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ދައުލަތުން އެދުނީ މިކުށުގައި އޮންނަ އެންމެ ބޮޑު އަދަބު ކަމަށްވާ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އަލިމަނިކުގެ ފަރާތުން އެދުނީ ތިން އަހަރުގެ ހުކުމެއް ކުރުމަށެވެ. ގާޒީ ނިންމެވީ ފަސް އަހަރަށް ޖަލަށް ލުމަށެވެ.

އަލިމަނިކު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒުކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހެވެ. އެއީ އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ތުހުމަތުގައި ޖަލުގައި ހުންނަތާ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ވެފައިވާތީ އެވެ.