ކްރިމިނަލް ކޯޓް

ހައެއްފަހެއް ހަމަލާ: ގާޒީންގެ ބެންޗަށް ދީބާނާޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގާޒީ ދީބާނާޒް ފަހުމީ އައްޔަނުކޮށްފި އެވެ.

މި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗަށް ދީބާނާޒް އައްޔަނުކޮށްފައިވަނީ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ގާޒީ އާދަމް މުހައްމަދު މައްސަލައިން ތަނާޒުލްވުމާއި ގުޅިގެންނެވެ.

ގާޒީ އާދަމް މައްސަލައިން ތަނާޒުލްވެވަޑައިގަންނަވާފައި ވަނީ އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގަ އެވެ. އެދުވަހަށް ތާވަލްކުރީ ޝަރީއަތް ފެށުމުގެ އަޑުއެހުމެވެ. އެކަމަކު މިކަމާ ގުޅިގެން މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.

ގާޒީ އާދަމް މައްސަލައިން ތަނާޒުލްވެވަޑައިގެންނެވީ މި މައްސަލައިގައި ދައުވާ ލިބޭ މ. ކުދެހިގެ އިސްހާގު ދަރިޔަކު ގާޒީއަށާއި އާއިލާއަށް ބިރުދައްކައި އިންޒާރު ދީފައިވާތީ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާގެ މަގާމުގައި ހުންނެވި ގާޒީ ދީބާނާޒް ކްރިމިނަލް ކޯޓުގެ ގާޒީކަމަށް އައްޔަނުކޮށްފައި ވަނީ 2020 ވަނަ އަހަރު އެވެ.

ނަޝީދަށް ހަމަލާދިން މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގައި ދެން ތިއްބަވަނީ މުހައްމަދު މިސްބާހް އަދި ސޮފްވަތު ހަބީބް އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އުޅުނު މީހުން ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މި މައްސަލައިގައި ރިމޯޓަކުން ބޮން ގޮއްވައިލި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.