އެމްޑީޕީ

ގާޒީ އާދަމަށް އިންޒާރު ދިން މީހާ ޓެގު އަޅުވަން އެމްޑީޕީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ގާޒީ އާދަމް މުހައްމަދަށް ބިރުދައްކައި އިންޒާރު ދިން މީހާ ޓެގު އަޅުވައި މޮނީޓާ ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ދައުވާ އުފުލާފައިވާ މ. ކުދެހިގެ، އިސްހާގުގެ ދަރިޔަކު، އެހެން މައްސަލައެއްގައި ގާޒީ އާދަމަށާއި އާއިލާއަށް ބިރުދައްކައި އިންޒާރުދީފައިވާތީ އިސްހާގުގެ މައްސަލައިގައި ބޭއިންސާފުވެވިދާނެ އިއްޔެ ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހާލަތެއްގައި ގާޒީ އެޅުއްވީ އިންސާފުވެރި ފިޔަވަޅަކަށްވީ ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއް ނެތި ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންގެ ބެންޗަށް ވީހާވެސް އަވަހަށް ގާޒީއަކު އައްޔަނުކޮށް، ވިދިވިދިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

މި ދަނޑިވަޅުގައި ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް ތުހުމަތު ކުރެވޭ އިސްހާގުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައިވާ ގޮތުގައި އިސްހާގުގެ ދަރިޔަކީ ސްޓެލްކޯގެ ވަޒީފާއެއް އަދާކުރަމުންދާ މީހެކެވެ. އޭނާ އެ ވަޒީފާގައި ހުރުމާއި އަދި މުޖުތަމައުއަށް ދޫވެފައި ހުރި ހުރުންވެސް އެޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.

"މި ބިރުދެއްކުމުގެ މައްސަލައަށް ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި ދައުވާކުރަން ފޮނުވުން. ނުވަތަ މި އަމަލު ހިންގި ފަރާތް ޓެގު އަޅުވައިގެން މޮނިޓާ ކުރުން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މޭ ހައެއް ހަމަލާގެ މައްސަލައިން ތަނާޒުލްވެވަޑައިގަންނަވަމުން ގާޒީ ވަނީ ކަން ހިނގައިދިޔަ ގޮތް ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ވެސް ބެއްލެވީ އެ ގާޒީ ކަމަށްވާއިރު، އެ މައްސަލައާއި ގުޅިގެން ބަޔަކު އިންޒާރުދީ ބިރުދައްކައިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކީ އިސްހާގުގެ ދަރި އެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން މ. ކުދެހިގޭ، ހަސަން ޝިފާޒަކީ އިސްހާގުގެ ދަރިފުޅުގެ ބޮޑުބޭބެ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ޔާމީން މަރާލި މައްސަލައިގައި ޝިފާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އޭނާގެ މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނިންމާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އިއްޔެ ތާވަލުކުރީ ޝަރީއަތް ފެށުމުގެ އަޑުއެހުމެވެ. އެކަމަކު ދެން ޝަރީއަތް ފެށުމަށް އަޑުއެހުމެއް ބާއްވާނީ އާ ގާޒީއަކު ގާޒީންގެ ބެންޗަށް އައްޔަނުކުރުމަށްފަހުގައި ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ. މި އެންމެން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި ރިމޯޓަކުން ބޮން ގޮއްވާލި އަހްމަދު އަދުހަމް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.