ކްރިމިނަލް ކޯޓް

ހައެއްފަހެއް ހަމަލާ: ގާޒީ އާދަމް މުހައްމަދު ތަނާޒުލްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ގާޒީ އާދަމް މުހައްމަދު އެ މައްސަލަތަކުން ތަނާޒުލް ވެއްޖެ އެވެ.

ގާޒީ އާދަމް މުހައްމަދު ތަނާޒުލްވީ ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ މ. ކުދެހިގެ، އިސްހާގުގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުންނެވެ. އެގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް މިއަދު އިބްތިދާއީ ބަޔާން އިއްވުމަށް ހަމަޖެހިފައިވެ އެވެ.

އެކަމަކު އަޑުއެހުން ފެށުމުގެ ކުރިން ގާޒީ އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބުނު ކަމަށާއި އެ ސިޓީގައި ގާޒީ ތަނާޒުލްވުމަށް އެދިފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ބެއްލެވީ އޭނާ ކަމަށްވެފައި، އެ މައްސަލަ އާއި ގުޅިގެން ގާޒީއަށާއި ގާޒީގެ އާއިލާއަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ގާޒީ އަށް ބިރުދައްކައި އިންޒާރު ދިންކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އިސްހާގުގެ ދަރިޔަކު ހިމެނޭ ކަމަށާއި، އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މ. ކުދެހިގޭ، ހަސަން ޝިފާޒަކީ އިސްހާގުގެ ދަރިފުޅުގެ ބޮޑުބޭބެ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ގާޒީ އާދަމް މިއަދު ވިދާޅުވީ އެކަން ގާޒީއަށް އެނގިވަޑައިގެންނެވީ އިސްހާގުގެ ސިޓީ ލިބުމުން ކަމަށާއި ބެލި ބެލުމުން އެކަން ސާފުވެވަޑައިގަތް ކަމަށެވެ. ބެންޗުގައި ތިއްބެވި އެހެން ގާޒީންނަށް ވެސް ކުރިން އެކަން އެނގިވަޑައިނުގަންނަވާކަން ވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން މި މައްސަލައިގައި ގާޒީގެ މަސްލަހަތު ހިމެނޭތީ މައްސަލައިން ތަނާޒުލްވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން މަރާލި މައްސަލައިގައި ޝިފާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އޭނާގެ މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނިންމާފަ އެވެ.

އެއަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީ އެވެ. އާ ގާޒީއަކު މައްސަލައަށް އައްޔަނުކުރުމަށްފަހު އަޑުއެހުން ތާވަލުކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ދެން މި މައްސަލައިގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބް އަދި ގާޒީ މުހައްމަދު މިސްބާހު އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މި މައްސަލައިގައި ރިމޯޓަކުން ބޮން ގޮއްވައިލި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.