ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ހަމަލާ: ހަ މީހަކަށް އޮގަސްޓްގައި ހުކުމްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ވަަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހެއްގެ ޝަރީއަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މިއަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ހުކުމް ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ ހަ މީހެއްގެ ޝަރީއަތް މިއަދު ބާއްވައި އެ މީހުންނަށް ކުރާ ދައުވާ ވަނީ އިއްވާފަ އެވެ. ދައުވާ ލިބޭ ހަ މީހުންވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ އިއްވި މީހުންގެ ތެރޭގައި ހިމެނެނީ މ. ކުދެހިގެ، އިސްހާގުއާއި، މއ. ފޭރުގެ، މުޖާޒް އަހްމަދާއި، އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހްމީ އަލީ އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދުގެ އިތުރުން ނ. މަނަދޫ ނޫރިގެ، އަލީ ހައިޝަމް އެވެ.

އިސްހާގަށް ކުރާ ދައުވާ

  • ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ
  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
  • ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

މުޖާޒަށް ކުރާ ދައުވާ

  • މީހަކު ފިލުވުމަށް އެހީތެރިވުމުގެ ދައުވާ
  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

ތަހުމީނަށް ކުރާ ދައުވާ

  • ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން
  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
  • ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

އަލީ ހައިޝަމަށް ކުރާ ދައުވާ

  • ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ
  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
  • ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

މީގެއިތުރުން ފަހްމީ އަލީއަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި މުހައްމަދު ނާޒިމަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ވެސް އިއްވާފައިވެ އެވެ.

ގާޒީ ސޮފްއަތު މިއަދު ވިދާޅުވީ އަށް އަޑުއެހުމަކަށް ބަހާލައިގެން މިމައްސަލައިގައި ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކޯޓުން ކަނޑައަޅާފައިވާ ކަމަަށެވެ. ގާޒީ ވިދާޅުވި ގޮތުގައި ހަތަރު އަޑު އެހުމެއްގައި އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އަދި ދެ އަޑުއެހުމެއްގައި އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އޭގެފަހުން ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު މިއަހަރުގެ އޯގަސްޓް 31 ވަނަ ދުވަހު ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމުގައިވެސް ގާޒީ ވިދާޅުވި އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ތާރީހަށް ހުކުމް ކުރެވޭނީ ތާވަލާ އެއްގޮތަށް އަޑުއެހުންތައް ބޭއްވޭ ހާލަތެއްގައި ކަމަށެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރެއިން ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދު ފިޔަވާ އިތުރު މީހަކަށް އަދި ހުކުމްކޮށްފައެއް ނުވެ އެވެ. އަދުހަމް ކުށަށް އިއުތިރާފް ވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއް މައްސަލަތައް ނިންމަން ކޯޓުން ތާވަލެއް ކަނޑައަޅާފައި މިވަނީ މިމައްސަލަތައް ނިންމުން ލަސްވެ، ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.