ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ހަމަލާ: މިއަދުގެ އަޑުއެހުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތްތަކުގެ ތެރެއިން މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައި އޮތް އަޑުއެހުންތައް ކެންސަލް ކުރީ ދައުވާ ލިބޭ މީހެއްގެ ދިފާއީ ވަކީލަކު އާއިލީ ޒިންމާއެއް އޮތުމުން މިއަދުގެ އަޑުއެހުން ފަސްކޮށްދިނުމަށް ކޯޓުގައި އެދުމުންނެވެ.

މިމައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ކުރިއަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެ ދުވަހު ހެކިބަސް ދީފައިވަނީ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި އުޅޭ ފުލުހަކާއި ހަމަލާއާއި ގުޅިގެން ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓެއް ތައްޔާރުކުރި ކުރީގެ ފުލުހެކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މާބޮޑަށް ލަސްކޮށް ކުރިއަށްދާތީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.