ނަޝީދަށް އަމާޒު ކުރި ހަމަލަ

ތަހުގީގަށް ހުރަސް އަޅައިގެން ނުވާނެ: ނަޝީދު

މޭ މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެއްވެސް މީހަކު ހުރަސް އަޅައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅު ވެއްޖެ އެވެ.

"އާސްކް ސްޕީކާ" ގެ ތިން ވަނަ ޕްރޮގްރާމްގައި މީހަކު ރައީސް ނަޝީދާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ އިންސާފު ހޯދުމަކީ ވަރަށް އުނގަދޫ ކަމެއް ކަމަށާއި އެމަނިކުފާނަށް އެކި ފަހަރު މަތިން އެކި އެކި އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކިފަހަރަށް ޖަލުގައި ވެސް އެތައް ދުވަހަކު އޮންނަށް ޖެހިވަޑައިގަތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ މައްސަލަ ވަރަށް ތަފާތު ކަމަށާއި މިހާރު ހިނގަނީ އެމަނިކުފާނު އަވަހާރަ ކޮށްލަން ބަޔަކު ރޭވި މައްސަލައިގެ ތަހުގީގު ކަމުން އެ ތަހުގީގު ވާން ޖެހޭނީ ވަރަށް ފުރިހަމަ ތަހުގީގަކަށް ކަމަށެވެ. އެ ތަހުގީގަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ ހޯމް މިނިސްޓަރު ވިއަސް، ރައީސް ވިޔަސް އަދި އެހެން މީހަކު ވިޔަސް، ތަހުގީގަށް ބާރު [ނުފޫޒު] ފޯރުވައިގެން ނުވާނެ. ތަހުގީގުން ހިންގަން ޖެހޭނީ ރަނގަޅަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ހަމަލާގައި ބައިވެރިވި ފަރާތްތައް ހާމަވެގެން ދާނީ ފުރިހަމައަށް ތަހުގީގެއް ހިންގައިގެން ކަމަށެވެ. އަދި އެމީހުން ހޯދާ އެމީހުނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.