ބޭންކް އޮފް މޯލްޑިވްސް

ހިޔާ ފްލެޓަށް ދޮޅުލައްކައާ ހަމައަށް ބީއެމްއެލްގެ ލޯނު، މަހަކު 3،300 ރުފިޔާ

Jul 6, 2021

ހިޔާ ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ ފިނިޝިން މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް އާ ލޯނަކާއި ފައިނޭންސިން ޕްރޮޑަކްޓެއް ބީއެމްއެލް އިން ތައާރަފްކޮށްފި އެވެ.

އަލަށް ތައާރަފް ކުރެވުނު ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން ހިޔާ ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ.

ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖައްސައިދީފައިވެ އެވެ.

މި ސްކީމުގެ ދަށުން 150،000 ރުފިޔާގެ ލޯނު ނަގާ ފަރާތަތަކުން މަހަކު ދައްކަން ޖެހެނީ 3،337 ރުފިޔާ އެވެ.

އަލަށް ތައާރަފް ކުރެވުނު ލޯން ސްކީމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑު ކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް މިއަދު ތައާރަފްކުރެވުނު ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެ ކަމަށެވެ.

"ޝަރުތު ހަމަވާ ފަރާތަކަށް އިތުރު ރަހުނަކާ ނުލައި އަމިއްލަ އަށް އިތުރު ހަރަދެއް ކުރަންނުޖެހި ލިބިފައިވާ ފްލެޓްގެ ބާކީ މަސައްކަަތްތައް ނިންމާލުމަށް 150،000rު ރުފިޔާ އާ ހަމަައަށް ލޯނު ދޫކުރެވޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުއީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ،" ޓިމް ސޯޔަ ވިދާޅުވި އެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށްވާ 12 ޕަސަންޓްގަ އެވެ. ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް މިއާ އެއްގޮތް ފައިނޭންސިން ޕްރޮޑަކްޓެއް ވަނީ ތައާރަފް ކޮށްފަ އެވެ.