އެޗްޑީސީ

ހިޔާގެ ހަ ޓަވަރެއްގައި 1،152 ކެމަރާ ހަރުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

Sep 9, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހަތަރު ޓަވަރެއްގައި ސީސީޓީވީ ކެމަރާކޮށް އެތަންތަން ސަލާމަތީ ކަންކަން ބަލަހައްޓައިފި އެވެ.

ހިޔާ ޓަވަރުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވުމާ އެކު އެތަނުގައި ވައްކަން ކުރުމާއި ފޭރުމާއި މީހުންނަށް ހަމަލާ ދިނުން ފަދަ ކުށްތައް ދަނީ ހިނގަމުންނެވެ. އެއީ ހިޔާގައި އުޅޭ އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް އަދި ކަންބޮޑުވުމެކެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހިޔާ ޓަވަރުތަކުގައި ކެމަރާ ހަރުކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން އެޗްޑީސީން ފެށީ މިއަހަރުގެ ޖުލައިގަ އެވެ.

މިމަސައްކަތުގެ ދަށުން ސީސީޓީވީ ކެމަރާ ފުރަތަމަ ހަރުކުރީ ހަތަރު ޓަވަރެއްގަ އެވެ. އެއީ އެޗް 13، އެޗް 14، އެޗް 15 އަދި އެޗް 16 އެވެ. އެޗްޑީސީން މިހާރު ވަނީ އިތުރު ދެ ޓަވަރެއްގައި ވެސް ކެމަރާ ހަރުކޮށްފަ އެވެ. އެއީ އެޗް ފަހެއް އަދި އެޗް އަށެއް ޓަވަރެވެ.

އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި މިއިން ކޮންމެ ޓަވަރެއްގައި 192 ކެމަރާ ކޮށްފައިވެ އެވެ. އެއީ ހަ ޓަވަރުގައި ޖުމްލަ 1،152 ކެމަރާ އެވެ.

އެޗްޑީސީން ބުނީ ހިޔާގެ ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމަރާ ހަރުކޮށް ނިމޭއިރު ޖުމްލަ 3،072 ކެމަރާ ޓަވަރުތަކުގައި ހުންނާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީހުން ދިރިއުޅެން ފެށިއިރު އެ ސަރަހައްދުގައި އަސާސީ މުހިއްމު ހިދުމަތްތައް ގާއިމުކުރެވިފައެއް ނުވެ އެވެ. ނަމަވެސް މިހާރު އެ ސަރަހައްދުގައި ވަނީ ފެނާއި ކަރަންޓާއި އިންޓަނެޓް އަދި ކޭބަލް ޓީވީގެ ހިދުމަތް ދޭން ފަށާފަ އެވެ. އަދި ކެފޭ ރެސްޓޯރަންޓާއި ކްލިނިކާއި ފާމަސީއާއި ސްކޫލުތަކާއި މިސްކިތްތައް ވެސް އެ ސަރަހައްދުގައި މިހާރު ވަނީ ހުޅުވާފަ އެވެ.

މީގެއިތުރުން ހިޔާ ޓަވަރުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ހިދުމަތް ދިނުމަށްޓަކައި ހިޔާ ޓަވަރެއްގައި މިހާރު ވަނީ އެޗްޑީސީގެ އޮފީހަކާއި ޕޮލިސް ސްޓޭޝަނެއް ވެސް ހުޅުވާފަ އެވެ.