އެޗްޑީސީ

ހިޔާ ފްލެޓްގައި އިތުރު ބޭސް ފިހާރައެއް ހިންގަން ހަވާލުކޮށްފި

Mar 22, 2022

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބޭސް ފިހާރައެއް ހިންގުމަށް އިތުރު ކުންފުންޏަކަށް ހުއްދަ ދީފި އެވެ.

އެޗްޑީސީން މިއަދު ހުއްދަ ދިނީ ހިޔާ ޓަވަރުތަކުގެ ތެރެއިން 11 ވަނަ ޓަވަރުގައި ބޭސް ފިހާރައެއް ހިންގުމަށެވެ.

އެ ހުއްދަ ދީފައިވަނީ ކޮމްޕްލައި ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެޗްޑީސީން މީގެކުރިން ވެސް ހިޔާ ފްލެޓްތަކުގައި ބޭސް ފިހާރަ ހިންގަން ދެ ފަރާތަކަށް ހުއްދަ ދީފައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފްލޯތައް ހާއްސަކޮށްފައިވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަން ހިންގަން ކުއްޔަށް ދިނުމަށެވެ. އެގޮތުން ފާމަސީ، ސެލޫން، ގުރުއާން ކްލާސް / ޓިއުޝަން ސެންޓަރު، ކެފޭ ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީން ދަނީ ފުރުސަތު ދެމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާތީ އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެ ސަރަހައްދުގައި މިހާރު ވަނީ މިސްކިތެއް އަޅައި ބައެއް ފިހާރަތަކާއި ސެލޫނެއް ހުޅުވާފަ އެވެ. އަދި ދެވަނަ ފިޔަވައްސަށް ވަނީ ބަހުގެ ހިދުމަތާއި ފުލުހުންގެ ހިދުމަތް ދޭން ފަށާފަ އެވެ.

ދެވަނަ ފިޔަވަހީގައި މިހާރު ދަނީ ސްކޫލުތަކާއި ޕްރީ ސްކޫލުތަކާއި އިތުރު މިސްކިތްތަކާއި ޕާކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.