ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތައް ކައިރީގައި މިސްކިތެއް އަޅަނީ

Jan 19, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. ހިޔާ ފްލެޓްތައް ކައިރީގައި ޖާގަ ބޮޑު މިސްކިތެއް އަޅަން އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެެއް ގާއިމުކޮށްފައެވެ.

އެޗްޑީސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް އެވެ.

ހިޔާ ފްލެޓްތަކާ ގާތުގައި މި މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ 30،655 އަކަފޫޓުގެ ބިމެއްގަ އެވެ. އެއް ފަހަރާ 1،400 މީހުންނަށް ނަމާދަ ކުރެވޭ މި މިސްކިތުގެ ކޯޓްޔާޑާ އެކު ޖުމްލަ 3،000 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ އެވެ.

ނަމާދަށް ދާ މީހުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ކޯޓްޔާޑް ހަދަން ނިންމާފައިވާއިރު މިސްކިތުގެ ސަރަހައްދުގައި 100 ސައިކަލަށް އެއް ފަހަރާ ޕާކް ކުރެވޭ ގޮތް ހެދުމަށްވެސް ނިންމާފައިވެ އެވެ.

މިސްކިތުގެ ޑިޒައިން އެޗްޑީސީން މިހާރު ނިންމާފައިވާއިރު އާ މިސްކިތަކީ ހުޅުމާލެ އިން ފެންނަ ތަފާތު ޑިޒައިނަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިސްކިތް އިމާރާތް ކުރުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ.


ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި މިވަގުތު ބޭނުންކުރަމުން ދަނީ އަމިއްލަ މީހަކު "މަސްޖިދުލް އަމީލް ޖަލީލް"ގެ ނަމުގައި ބިނާކޮށްދީފައިވާ މިސްކިތެކެވެ.

ސަރުކާރުން ގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ދެ މިސްކިތް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.