ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ޑޭކެއާ ސެންޓަރަކާއި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާންގައި ކެފޭ ހިންގުމަށް ކުއްޔަށް ދޭން ނިންމާފައިވަނީ ހިޔާ ޓަވަރު ތަކުގެ ތެރެއިން އެޗް2-ޖީ 12 އާއި، އެޗް3-ޖީ އެވެ. އެ ދެ ތަނުގެ ބޮޑު މިނަކީ 926 އަކަފޫޓެވެ.
ޑޭކެއާ ހެދުމަށް ކުއްޔަށް ދޭން ނިންމާފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް3-ޖީ-އެކެކެވެ. އެތަނުގެ ބޮޑު މިނަކީ 2،190 އަކަފޫޓެވެ.
ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ. އަދި ޑޭކެއާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމާ ހަމައަށެވެ.
ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ސެލޫނަކާއި ސްޕާއެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެޗްޑީސީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެޗްޑީސީން ބުނީ އިއުލާންކޮށްފައިވާ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި 300 ވަރަކަށް އާއިލާ މިހާރު ދިރިއުޅެމުންދާއިރު މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ވަނީ އާންމު އަސާސީ މުދާ ލިބޭ ގޮތަށް ފިހާރައެއް ހުޅުވާ ހިދުމަތް ދޭން ފަށާފަ އެވެ. އަދި އެ ސަރަހައްދުގައި ކްލިނިކެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ.