ހަބަރު

ޖުމްހޫރީ ބިނާއާއެކު މުއިވެޔޮމައިޒާން ހުޅުވައިފި

މުއިވެޔޮމައިޒާން (ބިސްބުރު)ގައި ޖުމްހޫރީ ބިނާ ބަހައްޓަކައި ހިތްގައިމު ޕާކަކާއެކީ އެތަން ހުޅުވައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ވަނީ މުއިވެޔޮމައިޒާން އެކީ ރީޑިޒައިންކޮށް އެތާ ޖުމްހޫރީ ބިނާ ބަހައްޓައި ތަރައްގީ ކުރުމުގެ މަސައްކަތް ސޭޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)އާ ހަވާލުކޮށްފަ އެވެ. އަދި މީގެ ކުރިން ހަމަޖެހިފައިވާ ވަނީ މިމަސައްކަތް ނިންމާ ޖުމްހޫރީ ދުވަހުގައި މިތަން ހުޅުވުމަށެވެ. އެހެން ނަމަވެސް ސްޓެލްކޯ އިން ވަނީ މިމަސައްކަތް 45 ދުވަސް ތެރޭ ނިންމާ މިއަދު އެތަން ހުޅުވާފަ އެވެ.

މުއިވެޔޮމައިޒާން ހުޅުވުމުގެ ރަސްމިއްޔާތަށް ވާހަކަދައްކަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މައިދާން ޕާކެއް ގޮތަށް ތަރައްގީކުރުމަށް ސްޓެލްކޯއާއި ހަވާލު ކުރީ ދެ މިލިއަން ރިފިޔާއަށް ކަމަށާއި އަދި ވަރަށް ފުރިހަމަކޮށް އެމަސައްކަތް ކޮށްފައި ވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމިންގެ ވިސްނުން ފުޅަކީ މިފަދަ ތަންތަން މާލޭގެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދައި ކުޑަކުދިންނަށް އަދި އެކިއުމުރުފުރާގެ ކުދިންނަށް ހިތްފަސޭހަކޮށް އުޅެވޭނެ ތަންތަން ހެދުން،" މުއިއްޒު ވިދާޅުވި އެވެ.

މާފަންނުގައި ހުންނަ މުއިވެޔޮދޮށު މައިޒާން އަލުން ހަދާފައިވަނީ އެތާގައި ކުޑަކުދިން ކުޅޭ އުންދޯލި އަދި ސީސޯ އާއެކުއެވެ. އަދި ކާޕެޓު އަޅައި ޖުމްހޫރީ ބިނާ އެތާގައި ބަހައްޓާފައިވާ އިރުހިއްފަސޭހަ ކޮށްލަން އިށީންނަ ތަންތަން ހަދާފައި ހުރެ އެވެ.