ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މާދަމާ އިން ފެށިގެން އުވާލުމާއި އެކު ކެފޭ / ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތް ދެވޭ ގަޑި އިތުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން ރެސްޓޯރެންޓުތަކާއި ކެފޭތައް ރޭގަނޑު 11:30 ވަންދެން ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް މިހާރެކޭ އެއްގޮތަށް 24 ގަޑިއިރު ދެވޭނެ އެވެ.
މަބްރޫކް ވިދާޅުވީ ހިދުމަތްދޭ އިރު އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން ޖެހޭނެ ކަމަށާއި އެއް މޭޒެއްގައި ތިބެވޭނެ މީހުންގެ އަދަދު ކޮންޓްރޯލް ކުރަން ޖެހޭނެ ކަމަށެވެ.
ރެސްޓޯރަންޓުގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ދިނުން ރޭގަނޑު 11:30 އާ ހަމައަަށް ހުޅުވަލާފައިވާއިރު ފިހާރަތައް ކުރީގެ އާންމު އުސޫލާ އެއްގޮތަށް ހުޅުވާފައި ބެހެއްޓޭނެ އެވެ.
މާދަމާއިން ފެށިގެން ދޭ ލުޔާއެކު އެޗްޕީއޭ އިން އެކުލަވާލާ އުސޫލެއްގެ ތެރެއިން ސިނަމާތައް ވެސް ހުޅުވުމަށް ހުއްދަ ދޭން ވަނީ ނިންމާފަ އެވެ.