ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސުކޫލުތައް ބަންދު ކުރުމާއި ކެފޭތަކުން ހިދުމަތް ދިނުން މަނާކުރި އެންގުން އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.
މި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތަކަށް މިދިޔަ ބުދަ ދުވަހު ވަނީ ތަންފީޒު ކުރަން ފަށާފައެވެ. އެ ފިޔަވަޅުތައް އެޅީ ހަފްތާއެއްގެ މުއްދަތަށެވެ. މިދިޔަ ބުދަ ދުވަހު އަމަލު ކުރަން ފެށި އެންގުމުގައި ބުނެފައިވަނީ ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އަންގާ ކަމަށެވެ. އަދި ކެފޭތަކާއި ހޮޓާ ރެސްޓޯރަންޓްތަކުގައި ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް މަނާކޮށްފައެވެ. ނަމަވެސް މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވެއެވެ.
ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ. މި ބަލީގައި 104 މީހަކު ވަނީ މަރުވެފައެވެ. އެއީ މި މަހުގެ 31 ވަނަ މަރެވެ. މި އަހަރުގެ 53 ވަނަ މަރެވެ.