ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރެއްވުމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ލަންޑަށް ވަޑައިގެންފައިވާ ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.
އަބްދުއްރަހީމްއާ ގުޅޭ ގޮތުން މި ވާހަކަތައް ފެތުރިފައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގައި އިދިކޮޅު ޕާޓީ އާއި އިދިކޮޅު ލީޑަރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ޕީޕީއެމްގެ ތާއީދު ވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރައްވާ މަސައްކަތްޕުޅަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އަބްދުއްރަހީމް އަވަސްއަށް ވިދާޅުވީ އޭނާ ހުންނެވީ މާލޭގައި ކަމަށާ ރައީސް ނަޝީދާ ބައްދަލު ކުރައްވަން ލަންޑަނަށް ވަޑައިގެންފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެއީ ސިޔާސީ ވާހަކަ ދައްކާ މީހުން އެ މީހުންގެ މި ދުވަސްވަރުގެ "އެންޓަޓައިމަންޓަ" ށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި ޕީޕީއެމުނާއި ޕީއެންސީން ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ހަދަން ޖެހޭ ޑީލެއް ނެތް ކަމަށެވެ.
"އަޅުގަނޑު މި އޮތީ ގޭގައި. އަޅުގަނޑު ފުރައިގެން މާލޭން ބޭރަށް އެއްވެސް ތާކަށް ނުދަން،" އަބްްދުއްރަހީމް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ރައްޔިތުންގެ ނިންމެވުމާއެކު ކަމަށެވެ. އެއީ ރިޔާސީ ނިޒާމު ކަަމަށް ވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީން ތާއީދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއް ނުގަންނަވާނެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަ ކުރެވެން ޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،" ރައީސް ޔާމީން އަބަދު ވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.