ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ސްރީލަންކާއަށް ދަތުރުކުރާ މީހުންނަށް ލުއިތަކެއްދީ އައު އުސޫލެއް އެ ގައުމުން އެކުލަވާލައިފި އެވެ.
އައު އުސޫލު ބުނާ ގޮތުން ލަންކާއަށް ދަތުރުކުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ދެން ކަރަންޓީނެއް ނޯންނާނެ އެވެ. އެ މީހުން ލަންކާއަށް އެތެރެވެ ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެ އެވެ. އެ ޓެސްޓްގެ ނަތީޖާ ލިބި ނެގެޓިވް ވެއްޖެނަމަ ކަރަންޓީން ފުރިހަމަ ކުރަން ނުޖެހޭނެ އެވެ.
ނަމަވެސް ލަންކާއަށް ދަތުރުކުރުމުގެ ކުރީން ހުއްދަ ހޯދަން ޖެހެއެވެ. އެގޮތުން އާންމު ބޭނުންތަކުގައި ދަތުރުކުރާ މީހުން ހުއްދައަށް އެދެން ޖެހެނީ އެ ގައުމެއްގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ. ލަންކާގެ ހެލްތް މިނިސްޓްރީން ބުނީ އެ ގައުމަށް ދަތުރުކުރާ މީހުން އީމެއިލް މެދުވެރިކޮށް ފޮރިން މިނިސްޓްރީއަށް ލިޔުމަށެވެ. އަދި އެ ގައުމަށް އެތެެރެވާ ފަތުރުވެރިން ހޯއްދަ ހޯދަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ނަމަވެސް ދެކުނު އެމެރިކާ އާއި ދެކުނު އެފްރިކާގެ ގައުމުތަކުން އަންނަ މީހުންނަށް އެ ލުޔެއް ނެތެވެ. އެ ގައުމުތަކުން އަންނަ މީހުންނަށް ލަންކާއަށް ނޭރޭނެ އެވެ.
ލަންކާއަކީ ދިވެހިންގެ 16،000 ވުރެ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ. އެ ގައުމަށް އަބަދުވެސް 5،000 ވުރެ ގިނަ ދިވެހިން ދަތުރުކޮށް އުޅެއެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުގައި ރާއްޖެއިންވެސް މިއަދު ވަނީ ލުއިތަކެއް ދީ އެކަން އިއުލާނުކޮށްފައެވެ.