ސްރީލަންކާ

ލަންކާއަަށް ރަން އެތެރެކުރެވޭނެ އަދަދު ކަނޑައަޅައިފި

ސްރީލަންކާއަށް ވައިގެ މަގުން ދަތުރުކުރާ މީހުން 22 ކެރެޓަށްވުރެ މަތީ އަދަދުގެ ރަން ގަހަނާގެ ގޮތުގައި އެޅުން މަނާކުރުމަށް ނިންމައިފި އެވެ.

ލަންކާގެ ފައިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ނިންމުން ނިންމަނީ އެ ގައުމަށް ރަން ވަގަށް އެތެރެ ކުރުން ހުއްޓުވުމަށެވެ.

މި ނިންމުން ނިންމާފައިވީ ނަމަވެސް ލަންކާގެ ރައްޔިތުންނަށް އެ އުސޫލަށް އަމަލުކުރާކަށް ނުޖެހޭނެ އެވެ.

ލަންކާގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމްޕޯޓް އެންޑް އެކްސްޕޯޓްގެ ހުއްދަ ދުރާލާ ހޯދާފައިވާ ނަމަ 22 ކެރެޓަށްވުރެ އިތުރަށް ރަން އެތެރެކުރުމުގެ ހުއްދަ ދޭން ވެސް ވަނީ ނިންމާފަ އެވެ.

ބައެއް ގައުމުތަކަށް އެތެރެކުރާ ރަނަށް ޓެކްސް ނަގަ އެވެ. ޓެކްސް ދެއްކުމުން ސަލާމަތްވުމަށް ގަހަނާގެ ގޮތުގައި މީހުން ރަން ގައުމުތަކަށް އެތެރެ ކުރެ އެވެ.

ސްރީލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ގައުމަކަށް މިކަމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް އިލްތިމާސް ވެސް ކުރެ އެވެ.