ސްރީލަންކަން އެއާލައިންސް

ސިޑިން ޖެހި ބޯޓްގެ ފިޔަގަނޑު ހަލާކުވެ ނުފުރިފައި

ސްރީލަންކަން އެއާލައިންގެ ބޯޓެއްގެއް ފިޔަގަނޑުގައި މީހުން އަރުވަން ބޭނުންކުރާ ސިޑިން ޖެހި ހަލާކު ވެއްޖެ އެވެ.

ސްރީލަންކަން އެއާލައިންގެ ބޯޓަށް ދިމާވި މި މައްސަލައާ ގުޅިގެން ފުރަން ގޮސް ތިބި މީހުންނަށް ނުފުރި ގިނަ ވަގުތުތަކެއް ވަނީ ހޭދަކުރަން ޖެހިފަ އެވެ. މި ބޯޓުން ދަތުރު ކުރަން ހަމަޖެހިފައި ތިބި މީހުންނަކީ މިއަދު ހެނދުނު 6:30 ގައި ފުރަން އެއާޕޯޓަށް ގޮސް ތިބި މީހުންނެވެ. އެ މީހުން ދަތުރުކުރަން އޮތް ބޯޓަށް މައްސަލައެއް ދިމާވެގެން ފުރޭ ގޮތް ނުވީއެވެ.

އެހެން ކަމުން އިތުރު ބޯޓެއް ގެނެސް މެންދުރު 2:30 ގައި ފުރަން ތައްޔާރުވި އެވެ. ނަމަވެސް ފަސިންޖަރުން ބޯޓަށް އެރުވި ފަހުން އެ ބޯޓަށްވެސް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ.

މިފަހަރު ދިވާމީ ބޯޓަށް މީހުން އަރުވަން ބޭނުންކުރި ސިޑި ދުރުކުރަން އުޅުމުގެ ތެރޭގައި ބޯޓްގެ ފަހަތު ފިޔަގަނޑުގައި ޖެހި ހަލާކުވީ އެވެ. ފަހަތު ފިޔަގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ބޯޓްގަައި އިން މީހަކު ބުނީ ބޯޓްގެ ފިޔަގަނޑު ހަލާކުވީ އެމްއޭސީއެލްގެ ގްރަންޑް ހޭންޑްލިން ސްޓާފުން ފަރުވާ ކުޑަކަމުގެ ސަބަބުން ކަމަށެވެ. އަދި މައްސަލަ ހައްލުވެ ފުރޭނެ އިރެއް ނޭންގޭ ކަމަށެވެ.

"ދެގަނޑި ބައިން ފެށިގެން މި ތިބީ ބޯޓްގައި. ފުރޭނެ ވަގުތެއް ނޭންގޭ. މިއަދު ހެނދުނުން ފެށިގެން މިހެން ތިބެން ޖެހުނީމަ މިއީ ވަރަށް ބޮޑު ތަކުލީފެއް،"

ލަންކާއަށްދާން ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ބޯޓްގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މި ހާދިސާ ދިމާވުމާއެެކު އެމްއޭސީއެލްގެ އިސް ބޭފުޅުން ގެންދަވަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.