ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ބިދޭސީންގެ ކަރަންޓީނަށް ތިން ހޮޓަލެއް ކަނޑައަޅައިފި

ދެކުނު އޭޝިޔާގެ ގައުމުތަކުން ވާކް ޕާމިޓްގައި ރާއްޖެ އަންނަ މީހުން ކަރަންޓީންވާން ހެލްތް މިނިސްޓްރީން ތިން ހޮޓަލެއް ކަނޑައަޅާފައިވާތީ އެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

ވާކް ޕާމިޓްގައި ރާއްޖެ އަންނަ މީހުން ރާއްޖެ ހުޅުވާލީ މިއަދު އެވެ. އެ މީހުން ކަރަންޓީންވުމާ ގުޅޭ އުސޫލު އާންމުކޮށް އެޗްޕީއޭ އިން މިރޭ ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމާޖަންސީގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ކަރަންޓީން ކުރާނީ ހަތް ދުވަހަށް ކަމަށެވެ. ކަރަންޓީނުން ވީއްލޭނީ މުއްދަތު ހަމަވެ ކުރާ ޓެސްޓް ނެގެޓިވްވުމުންނެވެ.

އެކަކަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީންވާނަމަ އޭގެ ތެރެއިން އެއްވެސް މީހަކު ޕޮޒިޓިވްވެއްޖެނަމަ ދެން ތިބި އެންމެންގެ ކަރަންޓީނު މުއްދަތު އިތުރުވާނެ އެވެ. ޕޮޒިޓިވްވާ މީހާ އެކަހެރިނުވެ ބަލިން ރަނގަޅުވަންދެން ދެން ތިބި މީހުންނާ އެކުގައި ތިބިނަމަ ކޮންޓެކްޓުންގެ ކަރަންޓީނުގެ 14 ދުވަސް ގުނަން ފަށާނީ ޕޮޒިޓިވް މީހާ ބަލިން ފަސޭހަވާ ދުވަހުން ފެށިގެންނެވެ. އެކަހެރިކޮށް ހުރިނަމަ ޕޮޒިޓިވްވި މީހާ އެކަހެރިވި ދުވަހުން ފެށިގެންނެވެ.

އުސޫލު ބުނާގޮތުން ކަރަންޓީން ވެވޭނެ ހޮޓާތައް އާންމުކުރަން ޖެހެއެވެ. ހެލްތް މިނިސްޓްރީން މިރޭ ބުނީ ކަރަންޓީނަށް ހާއްސަކޮށްފައިވާ ތިން ހޮޓަލަކީ "ބީހައިވް ހޮޓަލް" އާއި "ތްރީ އިން" އަދި "ވައިޓް ހާޕް" އެވެ.

ރާއްޖެއަށް އެތެރެވުމުގެ ކުރީން 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއި ރާއްޖެއަށް ދަތުރުކުރުމުގެ ކުރީން އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލްގަައި މައުލޫމާތު ފުރިހަމަކޮށް ދަތުރުކުރުމުގެ 24 ގަޑިއިރު ކުރީން ކަރަންޓީނުވުމަށް އެދި [email protected] އަށް ރާއްޖެއަށް އަންނަ މީހާ ނުވަތަ އެބަޔަކު ރާއްޖެ ގެންނައި ޒިންމާވާ ފަރާތުން ހުށައަޅަން ޖެހެއެވެ.