ސަރުކާރުން ފޮނުވައިގެން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލަކީ ރާއްޖެ ސެކިއުލާ ގައުމަކަށް އަނބުރާލުމަށް ކުރެވޭ މަސައްކަތުގެ ފެށުން ކަމަށް ވިދާޅުވެ އެ ބިލް މިހާރުން މިހާރަށް މަޖިލީހުން ބޭރުކޮށްލަން ޖެހޭ ކަމަށް ރައްޔިތުންްގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަމީމް (ރެޑްވޭވް) ވިދާޅުވެއްޖެ އެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ ހުރިހާ މަރުތައް އެއީ ވަކި ބަޔަކު ކުރި ކަމެއް ކަމަށް ބުނުމަކީ ހަގީގަތް އޮޅުވާލުން ކަމަށެވެ. އަދި ދީނީ ހައްދުފަހަނަ އެޅުމުން ހުއްޓުވުމުގައި ނަމުގައި ކުރަމުންދާ ކަންކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. ސަލީމް ވިދާޅުވީ މަޖިލީހުގައި އޮތް ބިލް މިހާރުން މިހާރަށް ބޭރުކޮށްލަން ޖެހޭ ކަމަށެވެ.
"އެއްވެސް ހާލެއްގައި ހުރިހާ އެންމެން މަރުވެގެން މިދިޔައީ ދީނީ ހައްދުފަހަނަ އެޅި މީހުން މަރައިގެނެއް ނޫން. ކޮބައިތޯ ސިޔާސީ ގޮތުން މަރާލި މީހުން. ކޮބައިތޯ ގުރޫޕްތަކުން މަރާލި މީހުން. އެހެންވީމަ މި ދައްކަނީ ކޮން ވާހަކައެއްތޯ. ޑރ. އަފްރަޝީމް މިއީ ކޮންގޮތަކުންތޯ އަވަހާރަކޮށްލީ. ދީނީ ގޮތުންތޯ. މިކަމުގައި ތިބި ކުށްވެރިންނަށް ބަލާއިރު އެއީ ދީނީ ގޮތުން އައި ބައެއްތޯ،" ސަލީމް ވިދާޅުވުއެވެ. "މިއީ ސެކިއުލާ ގައުމަކަށް ރާއްޖެ ހެދުމުގެ ފެށުން އިނގޭތޯ. ކަމެއް ފަށާއިރު އަންނާނީ މިހެން. ވަރަށް ކުޑަކުޑަކޮށް އިނގޭތޯ ފަށާނީ،"
ސަލީމް ވިދާޅުވީ ރާއްޖެ ހަލާކުގެތެރެއަށް ދިޔައީ ޑިމޮކްރަސީގެ ނަމުގައި ގެނައި ނިޒާމުން ކަަމަށާ އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް ކަމަށެވެ. އެކަން ފޮރުވަން ދީނީ ހަރުކަށި މީހުންގެ ވާހަކަ ދައްކައިގެން ގައުމުގެ ކަންކަން ހަމަމަގަށް ނޭޅުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.