އަބްދުﷲ ސަނީފް

ހިސާން ބިލްގައި ހޫނުވީ ސަނީފް

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ކޮމެޓީ މަރުހަލާ ނިންމުނުއިރު ބިލް އިތުރަށް ގޯސްކޮށްފައިވާ ކަމަށް ވިދާޅުވެ އެ ބިލް އަނބުރާ ގެންދެވުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ގޮވާލައްވައިފި އެވެ.

"ހިސާން ބިލު"ގެ މަސައްކަތް ޖުޑިޝަރީ ކޮމެޓީން ނިންމައި އެ ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރި ބަހުސްގައި ގިނަ މެމްބަރުން ވަނީ ބިލު މިހާރު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވެސް ހިމެނެ އެވެ.

ބިލްގެ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުވިދާޅުވީ ސަނީފް އެވެ. ސަނީފް ވިދާޅުވީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަން އެމްޑީޕީގެ މެންބަރުންނަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ބައެެއް މީހުންނަށް ހީވާ ކަމަށެވެ. އެ ބިލާމެދު ކުރީންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ މެންބަރު ސަނީފް ވިދާޅުވީ ކޮމެޓީ މަރުހަލާގައި ބިލަށް ބަދަލުތަކެއް ގެނައުމުގެ ނަމުގައި އިތުރަށް ގޯސްކޮށްފައިވާ ކަމަށެވެ.

މިފަދަ ބިލެއް އެކުލަވާލާއިރު ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދީނުގެ ވާހަކަ ދައްކާއިރު މަޖިލީހުގައި ދީނީ ކޮމެޓީއެއް ނެތުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ އެޖެންޑާ 19 އާއި މަޖިލީސް 19 ތަފާތު ކުރަން ބޭނުންނަމަ ކުރަންޖެހޭ ކަމަކީ މަޖިލީހުގައި ދީނީ ކޮމެޓީއެއް އުފެއްދުން ކަމަށެވެ.

"މި މަޖިލީހުގައި ދީނީ ކޮމެޓީއެއް ކޮބައިތޯ. މި މަޖިލީހުގައި އިސްލާމީ ފަތުވާ ދޭނެ މުސްލިމުންގެ މަޖިލީހެއް ކޮބައިތޯ. ކޮން ވާހަކައެއްތޯ މިއަދު މި ދައްކަނީ. މި ބިލް [ހިސާން ހުށައެޅުއްވި ބިލް] ގެ ޒިންމާ ނަގާނެ ބަޔަކާ ބެހޭ ގޮތުން ސުވާލު މި އުފައްދަނީ ކީއްވެގެންތޯ. ސަރުކާރުން ހުށައެޅި ބިލެކޭ ނޫނޭ ވަކި ބަޔަކު ހުށައެޅި ބިލެކޭ ކިޔާފައި މި ސުވާލު އުފައްދަނީ ކީއްވެގެންތޯ. ބިލް ހުށައެޅި މެންބަރަށް ލިބިގެންވޭ ބިލް އަނބުރާ ގެންދިއުމުގެ އިހުތިޔާރު. ކީއްވެގެންތޯ އަމިއްލަ އަމިއްލަ ނަފުސް ނުރައްކަލަށް ހުށައަޅަނީ،" ސަންނަ ވިދާޅުވިއެވެ.

ސަނީފް ވަނީ އިހުލާސްތެރި ކަމެއް ހުރިނަމަ ބިލް އަނބުރާ ގެންދެވުމަށްވެސް ގޮވާލައްވާފައެވެ. އަދި ހަގީގަތް އޮޅުވާލާ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ބަދުނާމު އަޅުވަން މަސައްކަތް ނުކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. ސަނީފް ވިދާޅުވީ މި ބިލާ ދެކޮޅަށް 126 ކައުންސިލަކާއި 100 ވުރެ އިލްމުވެރިން ދެކޮޅު ހެއްދެވުމުން އެއީ ކަމެއް ނޫން ކަމަށް ދެއްކިޔަސް އެކަން އެހެން ނުވާނެ ކަމަށެވެ.