ރައްޔިތުންގެ މަޖިލިސް

ހަމަލާގެ ދިނުމުގެ ބޭނުމާއި ފަންޑު ކުރި މީހުން ނުހޯދޭ: ކޮމެޓީ ރިޕޯޓް

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށް 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުންދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.

ތްރެޓް ލެވެލް މަތި (ކްރިޓިކަލް) ކަމުގައި އެމްއެންޑީއެފް އިން ކަނޑައަޅާފައިވާ ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާއެއް ދިނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްފައިވާ ސައިކަލެއް ގޮއްވާލައިގެން ކަމަށާ އެ ހަމަލާ ދިނީ އެމްއެންޑީއެފް އިން ރައީސް ނަޝީދަށް ދެމުންދިޔަ ސެކިއުރިޓީ ފޫއަޅުވާލާފައި ކަމަށެވެ.

އިންކުއަރީއަށް އެއްކުރެވުނު މައުލޫމާތުން އެނގުނު ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ތިން ކަމެއްގެ ފުރިހަމަ ވެގެން ކަމަށާ ކަމަށާ އެއީ ނިޔަތް ނުވަތަ "އިންޓެންޓް" އާއި ގާބިލްކަން ނުވަތަ "ކޭޕަބިލިޓީ" އަދި ޓާގެޓް އާއި ހަމައަށް ދެވުނު ނުވަތަ "އެކްސެސް" ލިބުން ކަމަށް ރިޕޯޓްގައިވެއެވެ. މިކަންކަމަށް ބަލާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން ބޭނުންވާ ބަޔަކަށް ބޭނުންވަނީ ރައީސް ނަޝީދު ހަމައަށް ދެވޭނެ ގޮތެއް ނުވަތަ އެކްސެސް ލިބުން ކަަމަށާ އަދި ރަައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކްސެސް ހުއްޓުވުން ކަމަށެވެ.

އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްތައް ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކްލިއާކޮށް ސްވީޕްކޮށް "އިލެކްޓްރިކް ކައުންޓާ މެޝާޒް" ފަދަ ވަސީލަތްތައް ބޭނުންކުރިނަމަ މެއި ހައެއްގެ ޓެރަރިސްޓް ހަަމަލާ ދިނުމުގެ ފުރުސަތު ކުޑަކުރެވުނީސް ކަމަށް ބުނެފައިވެއެވެ.