ޖެނެރަލް އިބްރާހިމް ދީދީ

ހާމަވީ މަޖިލީހަށް މައުލޫމާތު ނުދޭންވީ ސަބަބު: ދީދީ

Jul 9, 2021
5

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ގައުމީ ސަލާމަތާއި ގުޅުންހުރި އެތައް މައުލޫމާތުތަކެއް މަޖިލީހުގެ އިދާރާއިން އާންމުކުރި ރިޕޯޓާއެކު އާންމުވުމުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދީދީ ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ނުދޭންވީ ސަބަބަކީ މިހާތަނަށް އެ މަޖިލީހަށް އެއްވެސް ސިއްރެއް ހިފެހެއްޓިފައި ނެތުން ކަމަށެވެ. ދީދީ އެ އިޝާރާތް ކުރައްވަނީ މަޖިލީހަށް ވަކިވަކިން މައުލޫމާތު ނުދޭން ނިންމި ނިންމުމަށެވެ. ނަމަވެސް އެ ނިންމުމަށް މަޖިލީހުން ފާޑުކިޔާ ކުރިމަތި ކުރުވި ޕްރެޝަރުތަކާއެކު ސިފައިން ޖެހުނީ ދޫދޭށެވެ.

ދީދީ ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންނަށް އަޑު އިވެނީ އެމެރިކާ ފަދަ ގައުމުތަކުގައި ޑިފެންސް އެންޑް ސެކިއުރިޓީ އާއި ބެހޭ ކޮމެޓީއެއް އޮންނަ ވާހަކަ ކަމަށެވެ. ނަމަވެސް އެފަދަ ކޮމެޓީތަކުން އަމަލު ކުރަންޖެހޭ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަރުދަނާކޮށް މަސައްކަތް ކުރެއްވިނަމަ ތެޅިފޮޅިގެން ފުލުހުން ހިންގާ ތަހުގީގު ނުނިމެނީސް 241 ކޮމެޓީ އިން އެއްވެސް މައުލޫމާތެއް ބޭރު ނުކުރީސް ކަމަށެވެ.

އިއްޔެ ހަވީރު ނެރުނު މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި އާންމު ވެއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތަކެއް ހިމެނޭތީ އެ މައުލޫމާތުތައް ހުރީ ކަޅު ކުލައިން ފާހަގަކޮށް ނުފެންނަ ގޮތް ހަދާފައެވެ. މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ނުފެންނާނެހެން ރިޕޯޓް ތައްޔާރުކޮށް އާންމުކުރި ނަމަވެސް ކުލައިގެ މަތިން އެ މައުލޫމާތުތައް ކޮންމެވެސް ގޮތަކުން ބެލޭގޮތްވެ ބައެއް މީހުން ވަނީ ސިއްރުކުރި މައުލޫމާތުތައް އާންމު ކުރަަން ފަށާފައެވެ. އެކަން މަޖިލީހުގެ ސަމާލު ކަމަށް އައުމުން ވަގުތުން އެ ރިޕޯޓް ނުފެންނަ ގޮތަށް ހެދިއެވެ.

ނަމަވެސް އޭރު ވަނީ ރިޕޯޓް ޑައުންލޯޑްކޮށް އެ މައުލޫމާތުތައް އާންމު ކުރަން ފަށާފައެވެ.

އިންކުއަރީ ރިޕޯޓް އާންމު ކުރުމުގެ ކުރީންވެސް 241 ކޮމެޓީން ވަނީ ރިޕޯޓްގައި ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކެއް އެ ރިޕޯޓްގައި ހިމެނޭނެ ކަމަށް ބުނެފައެވެ. އަދި އެ ރިޕޯޓް އާންމުކުރާނީ އެ މައުލޫމާތުތައް ނުހިމަނާ ކަަމަށްވެސް ބުނެފައިވެއެވެ. އެ މައުލޫމާތުތައް ހިމަނާފައިވާ ރިޕޯޓް އަރަން ހަމަޖެހިފައި އޮތީ ދައުލަތުގެ ތިންބާރުގެ ވެރިންނަށެވެ.

މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓްގައި ސިއްރުކޮށްފައި ހުރި މައުލޫމާތުތަކެއް އާންމުވި މައްސަލާގައި އެ ކޮމެޓީން އަދި މަޖިލީހުގެ އިދާރާއިންވެސް ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް މިފަދަ މުހިންމު ކަމެއްގައި މަޖިލީހުން ރިޕޯޓެއް އާންމުކުރުމުގައި އެކަށީގެންވާ ވަރަށް ނުވިސްނާ އަދި އެންމެ ރައްކާތެރި ގޮތް ކަށަވަރު ނުކޮށް ރިޕޯޓް އާންމުކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސަރުކާރުން އާންމު ކުރަން އަދި ބޭނުންނުވި ރިޔާސީ ކޮމިޝަންތަކުގެ ދެ ރިޕޯޓެއްވެސް މަޖިލީހުން ގަސްތުގަައި އާންމުކޮށް އެތައް ބައެއްގެ ވާހަކަތައް ހާމަކޮށްފައިވާތީ މިފަހަރު ދިމާވި ކަމަކީވެސް ގަސްތުގައި ކުރި ކަމަކުން ދިމާވި ކަމެއްތޯވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.