މާލޭ ސިޓީ ކައުންސިލް

ވެހިކަލް ޕާކިންއަށް 211 ޖާގައަށް ހުޅުވާލައިފި

މާލެގެ ބައެއް ސަރަހައްދުތަކުގައި ހަދާފައި ހުރި ޕާކިން ޒޯންތަކަށް ކުލިދައްކާގޮ ތަށް ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކްކުރުމުގެ ޖާގައަށް ކުރިމަތި ލުމުގެ ފުރުސަތު މާލޭ ސީޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކުލި ދައްކާގޮތަށް ޖާގަ ދޫކުރާނީ 350 ކިލޯގެ ޕިކަޕް އާއި ކާރު އަދިކ ވޭން އަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ. ސިޓީ ކައުންސިލުން ވަނީ 211 ޖާގައަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ޖާގަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ޖާގައިގެ އަދަދު ވެސް އާންމުކޮށްފަ އެވެ.

މާލޭގެ 10 ސަރަހައްދަކުން ކުއްޔަށް ދޫކުރާނެ ޖާގަ ވަނީ ކަނޑައަޅާފަ އެވެ. ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިންގ ޒޯންތަކުން ވަނީ ގިނަ ޖާގަތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ސަރަހައްދުން 58 ޖާގަ ކުއްޔަށް ދޫކުރުމަށް ނިންމާފަ އެވެ. މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) އިން ވަނީ 44 ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލާފަ އެވެ.

މީގެ އިތުރުން މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) އިން 21 ޖާގައާއި މއ. ކުރެދިގޯޅިން 10 ޖާގައާއި މއ. ހުދުފަޅުހިނގުމުން 8 ޖާގަ އާއި މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ އާއި މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ އާއި ސޮލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 10 ޖާގަ އަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސިޓީ ކައުންސިލުން 24 ޖާގަ އާޓިފިޝަލް ބީޗް ޕާކިން ހިމެނޭ ސަރަހައްދުން ޗައިނާ އެމްބަސީ ކުރިމަތިން ދިނުމަށް ވަނީ ނިންމާފަ އެވެ. އެ ޖާގަތައް ހާއްސަކޮށްފައި ވަނީ ޕްރައިވެޓް ކާރުތަކަށެވެ.

އަގުދީގެން ދޫކުރަން ނިންމާފައިވާ ޕާކިން ޒޯންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ. ޕާކިން ޒޯންތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ.