މާލޭ ސިޓީ ކައުންސިލް

މީޓަރު ޕާކިން ސިސްޓަމް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ތައާރާފްކުރާ މީޓަރު ފާކިން ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މީޓަރު ފާކިން ސިސްޓަމް ހޯދައި ބަހައްޓައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތުގެ މައުލޫމާތު ސާފުކޮށްދިނުމަށް އަންނަ މަހުގެ ހަތްވަނަ ދުވަހު މެންދުރުފަހު 2:00 ހާއިރު މާލެ ސިޓީ ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޕާކިން ސިސްޓަމް ގެނެސް ބަހައްޓައި ދޭނެ އަގު ހުށަހެޅުން އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އެ ދުވަހުގެ ހެނދު 11:00 ޖަހާއިރު މާލެ ސިޓީ ކައުންސިލްގެ އިދާރާގަ އެވެ.

ކައުންސިލުން ބުނެފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި ގަޑިޖެހުމަށް ފަހު ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ކަމަށާއި މައުލޫމާތު ސެޝަންއަށް އަންނަ އިރު އައިޑީކާޑު ގެނައުމަށް ވެސް އިއުލާނުގައި ހަނދާކޮށްދީފައިވެ އެވެ.

ވެރިރަށް މާލޭގައި މުޅިން އަލަށް މީޓަރު ޕާކިން ސިސްޓަމް ތައާރަފު ކުރަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މިދިޔަ މަހު އެވެ.

ކައުންސިލްގެ އޮފިޝަލަކު އަވަސް ވިދާޅުވީ މީޓަރު ޕާކިން ސިސްޓަމް ތައާރަފް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސިސްޓަމްތައް ބަހައްޓާނެ ތަންތަން ކަނޑައެޅުން ކަމަށެވެ.