އަބްދުއްރަހީމް އަބްދުﷲ

ރިޕޯޓު ފުރިހަމަ، ރައީސް ސޯލިހް ވަގުތުން އިސްތިއުފާދީ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓުން އެނގިގެން ދަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ނުބެލޭ މިންވަރު ކަމަށާއި އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަގުތުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

އިންކުއަރީ ރިޕޯޓާ ގުޅިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ އިންކުއަރީ ރިޕޯޓަކީ ވަރަށް ރަނގަޅަށް ކޮށްފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގައި އިދިކޮޅު މެންބަރުން ބައިވެރިވެ ވަޑައިގަތީ އެއީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

"އެކަމަކު ހިތާމައަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން ދަތުރު ކުރެއްވި ލޯންޗްކޮޅު ގޮއްވާލި ދުވަހު ހިނގައިދިޔަ ކަންކަމަށް މިއަދު މަޖިލީހުގައި އެ ތިއްބެވި އެމްޑީޕީގެ މެންބަރުން ހަޖޫ ޖަހައި ޖޯކު ޖެހިކަން. އެބޭފުޅުން އެ މައްސަލާގައި އަޅުގަނޑާ ދިމާލަށް ކީހާ އެއްޗެތި ހުންނާނެ ޔޫޓިއުބުގައި. އެކަމަކު އަޅުގަނޑުމެން ނެގީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ސީރިއަސް ކަމެއްގެ ގޮތުގައި،" ކުރީން އެމްޑީޕީން އަމަލުކުރި ގޮތަށް އޭނާ ފާޑު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ކުރީގެ ރައީސަކަށް ވާތީ ގާނޫނުން ވަރަށް ވަރުގަދައަށް ހިމާޔަތާއި ރައްކާތެރިކަން ލިބި ވަޑައިގަންނަވާ ބޭފުޅަކަށްވުމުން އެ މަނިކުފާނަށް ހަމަލާ ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ހަމަލާ އެންމެ ފުރަތަމަ ކުށްވެރިކުރީ އިދިކޮޅު ކޯލިޝަނުން ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މީހުން މަރަން ދޭ ޓެރަރިސްޓް ހަމަލާތަކަކީ ކުޑަ ކަމެއްގެ ގޮތުގައި އިދިކޮޅުން ނުދެކޭނެ ކަމަށެވެ. އެފަދަ ހަމަލާތައް ތަކުރާރު ނުވާނެހެން މަސައްކަތް ކުރަން ގައުމީ ވިސްނުމެއްގައި އިދިކޮޅު އޮންނާނެ ކަމަށެވެ.

އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކަށް ބަލާއިރު ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓާ، ނަގަހައްޓަން ހަވާލުވެ ތިއްބެވި ވެރިންގެ ބޮޑެތި އިހްމާލުތައް ރިޕޯޓުގައި ފެންނަން އެބައޮތް ކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސް އާއި ކޮމިޝަނާ އޮފް ޕޮލިސްގެ އިހްމާލު އޮތުމުން އިސްތިއުފާ ދެއްވަންޖެހި ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެއަށް ވުރެ އަދި މާބޮޑަށް އަޅުގަނޑު ކަންބޮޑުވޭ މި ރިޕޯޓް ލިބި މިހާތަނަށް ވެސް ސަރުކާރުން އެއްޗެއް ނުބުނާތީ. މިކަމުން އެކަނިވެސް އެނގޭނީ މުޅި މައްސަލާގައި އެންމެ ބޮޑަށް އިހްމާލުވެފައި އޮތީ ރައީސް ސޯލިހް ކަން. އެހެންވީމާ ރައީސް ސޯލިހާއި ނައިބު ރައީސް އަދި މުޅި ކެބިނެޓު އެކީ ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން. އެ ބޭފުޅުން ތި ތިއްބެވީ ގައުމުގެ ރައްކާތެރި ކުރުމުގައި ބޮޑު ތަނުން ފެއިލްވެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މައްސަލަ ގެންގޮސްގެން މި ސަރުކާރުގެ އެންމެން ވެރިކަމުން ދުރުކޮށް، ގައުމު ހިންގޭ ބަޔަކު އަވަހަށް ވެރިކަމާ ހަވާލުވުމަށް ވެސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ.

އިންކުއަރީ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރި ނަމަވެސް އެ ރިޕޯޓް ރަސްމީ ކޮށް ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ފޮނުވީ މިއަދު އެވެ. ރިޕޯޓް ލިބުމުން ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފަ އެވެ.