އިކޮނޮމީ އެންމެ ދަށްވި ވަގުތު އެންމެ ކުޑަ އުޖޫރަ އިމްޕްލިމެންޓް ކުރަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ. މި ކަމަށް ތައްޔާރު ވަމުންދާއިރު، އެންމެ ކުޑަ އުޖޫރަ ގެންނަން ވެގެން ސަރުކާރުން ކުރިން ދިރާސާއެއް ހަދާފައިވެ އެވެ. ރާއްޖޭގެ ސިނާއަތްތައް ހިމެނޭ މިނިވަން ޓީމަކަށް ހަވާލު ކޮށްގެން ހެދި މި ދިރާސާގައި މިކަމުގެ މުހިންމު ކަމާއި މިކަމުން ކުރިމަތިވެދާނެ ގޮންޖެހުންތައް ވަރަށް ސާފުކޮށް ބުނެދީފައި ވެއެވެ. މިކަމުގައި ސަރުކާރަށް ދިން ލަފާގައި ބުނަނީ ކީކޭ ހެއްޔެވެ؟
އެންމެ ކުޑަ އުޖޫރަ ތައާރަފު ކުރުމުގެ ގޮތުން މިކަން ދިރާސާކޮށް ރިޕޯޓް އެކުލަވާލަން ހެދި ބޯޑުގައި އެކި ސިނާއަތްތައް ތަމްސީލް ކުރާ ގޮތަށް ފަސް މެންބަރުން ހިމެނެ އެވެ. އަދި ބޯޑުގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ފަންނީ އެހީވެސް ހޯދާފައިވެ އެވެ.
މިނިމަމް ވޭޖަށް ހަދާފައިވާ ދިރާސާގެ މައިގަނޑު ނަމްބަރުތައް ނަގާފައި ވަނީ 2016 އާއި 2018 ގެ ހިސާބު ތަކަށް ބަލައިގެންނެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ބަލާއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން (ރިއަލް ޖީޑީޕީން) އިގްތިސޯދީ ދުވެލި ވަނީ 2017 ވަނަ އަހަރާ އަޅާބަލާއިރު 6.9 ޕަސެންޓް ކުރިއަރާފައިވެ އެވެ. އަދި މިދިޔަ އަހަރު 7.2 ޕަސެންޓަށް ކުރިއަރައި މި އަހަރު 6.2 ޕަސެންޓަށް މަތިވެ އަންނަ އަހަރު 6.2 ޕަަސެންޓަށް މަތިވާނެ ކަމަށް އަންދާޒާ ކުރި އެވެ. މި ސާވޭގައި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭގެ (ހަޔަސް) ގެ ގޮތުގައި ބަލާފައި ވަނީ 2016 ވަނަ އަހަރު ހެދި ދިރާސާ އެކެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މެދުފަންތީގައި އާމްދަނީ ލިބޭ 10 ގައުމުގައި މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ 290.4 އާއި 699.9 އެމެރިކާ ޑޮލަރާ ދެމެދުގަ އެވެ. ގްރޫޕް އެކެއްގެ ގޮތުގައި ބެލި ބެލީޒް އާއި ފިޖީ އަދި ޑޮމިނިކުގެ އިތުރުން މާޝަލް އައިލެންޑާއި ސަމޯއާ އަދި ގާޔަނާ ގެ ވެއިޓަޑް އެވަރެޖް މިނިމަމް ވޭޖަކީ 469.7 އެމެރިކާ ޑޮލަރެވެ. ގްރޫޕް ދޭ ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ޑޮމިނިކަން ރިޕަބްލިކް އާއި މޮރިޝަސް، ސެއިންޓް ވިންސެންޓް އެންޑް ގްރެނޭޑަންސް އަދި ގްރެނަޑާގެ ވެއިޓަޑް އެވަރެޖް މިނިމަމް ވޭޖަކީ 544.08 އެމެރިކާ ޑޮލަރެވެ.
މި ހުރިހާ އަދަދު ތަކެއް ވެސް ބަޔާން ކުރެވިފައި ވާނީ އެމެރިކާ ޑޮލަރު، "ޕާޗޭސިން ޕަވާ" ގެ 10 މިންގަނޑަކުންނެވެ. މި ގައުމުތަކަކީ ރާއްޖެއާ އެއްގޮތް ކަންތައްތަކެއް ހިމެނޭ ގައުމުތަކެއް ކަމަށްވުމުން، އެ ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައި ހުރި މިންވަރަކީ ރާއްޖޭގައި ވެސް އެކައެޅިދާނެ މިންވަރެއް ކަމަށް ބުނެފައިވެ އެވެ. އެ އަދަދުތައް ދިވެހި ރުފިޔާއަށް ބަދަލު ކުރާނަމަ، އެންމެ ދަށް އަދަދަކީ 4،761ރ. ރުފިޔާ އެވެ. އަދި އެންމެ މަތީ އަދަދަކީ 5،522 ރުފިޔާ އެވެ.
ގޭބިސީއެއްގެ ފަގީރު ކަމުގެ މިންގަނޑުން މަހަކަށް ޖެހޭވަރު ބަލާއިރު މިނިމަން ވޭޖު ކަނޑައެޅުމުގެ މިންގަނޑުތައް ބުނެދީފައިވެ އެވެ. އެގޮތުން ފަގީރުކަމުގެ މިންގަނޑުން ކަނޑައަޅާނީ 74 ރުފިޔާ -- ފަގީރުކަމުގެ މިންގަނޑުން ބޮލަކަށް 5.3 މީހުން -- އިން "ހަޔަސް 2016" ގައި ހެދި ދިރާސާއަށް ބަލާއިރު، ރާއްޖޭގެ މިނިމަމް ވޭޖް ކަނޑައަޅާނަމަ، މިނިމަމް ވޭޖަކީ މަހެއްގެ މައްޗަށް 6،514 ރުފިޔާ އެވެ. މި އަދަދު އިންފްލޭޝަނަށް އެޖަސްޓް ކުރުމުން މިނިމަމް ވޭޖް 6،774ރ ރުފިޔާއަށް އަރަ އެވެ. އެއީ މޭ 2016 އިން މޭ 2019 އަށް އިންފްލޭޝަން ރޭޓެއްގެ ގޮތުގައި ހިސާބު ކުރެވިފައިވާ ހަތަރު ޕަސެންޓުގަ އެވެ.
މި ދިރާސާގައިވާ ގޮތުން 5،000ރ. ގައި މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ، އިގްތިސޯދުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖުމްލަ އާބާދީގެ ތެރެއިން 24 ޕަސެންޓް މީހުންނަށް ފައިދާ ކުރާނެ އެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި 5،500 ރުފިޔާ ކަނޑައަޅައިފިނަމަ 33 ޕަސެންޓް މީހުން 6،000 ރުފިޔާ ނަމަ 43 ޕަސެންޓް އަދި އެއަށްވުރެ މަތިން 8،000 ރުފިޔާއާ ހަމައަށް މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ އަސަރުކުރާ މީހުންގެ ޕަސެންޓޭޖަކީ 50 ޕަސެންޓާއި 62 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުން މުސާރަ ދިނުމަށް ވިޔަފާރިތަކުން ކުރާ ހޭދަ އިތުރުވާނެ މިންވަރަށް ވެސް ބަލާފައިވެ އެވެ. އިގްތިސޯދުގައި ހިމެނޭ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ އުޖޫރައާއި ވިޔަފާރިތަކުގެ މާލީ ހާލަތު އަޅާކިޔައި، ދިރާސާ ތަކެއް ވެސް ކޮށްފައިވެ އެވެ.
ރިޕޯޓް ތައްޔާރު ކުރުމުގެ ގޮތުން ވިޔަފާރީގެ އެކި ދާއިރާތަކުން މިނިމަމް ވޭޖުގެ ގޮތުގައި ދޭން އެންމެ ރަނގަޅު އަދަދަކީ ކޮބައިތޯ ބަލަން "އެންޓަޕްރައިޒް ސާވޭ" ވެސް ހަދާފައިވެ އެވެ. ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ ތެރެއިން، ކޮންސްޓަރަކްޝަން ދާއިރާ ހިމެނޭ ވިޔަފާރިތަކުގެ 22 ޕަސެންޓް ފަރާތުން ބުރަވަނީ 200 އެމެރިކާ ޑޮލަރަށްވުރެ ދަށުގެ އަދަދެއް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި 39 ޕަސެންޓް ވިޔަފާރިތަކުން ހާމަކުރާ ގޮތުގައި މި އަދަދު ހުންނަންވާނީ 200 ޑޮލަރާއި 300 ޑޮލަރާއި ދެމެދު ގައެވެ. މި ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން 17 ޕަސެންޓް ވިޔަފާރިތަކުން ހުށަހަޅަނީ 300 ޑޮލަރާއި 400 ޑޮލަރާ ދެމެދުގައި މިނިމަމް ވޭޖް ކަނޑައެޅުމަށެވެ. މިނިމަމް ވޭޖުގެ ގޮތުގައި 400 ޑޮލަރަށް ވުރެ މަތިން އަދަދެއް ކަނޑައަޅަން ފެންނަކަމަށް ހާމަކޮށްފައި ވަނީ 22 ޕަސެންޓް ވިޔަފާރިތަކުންނެވެ.
ހޯލްސޭލް އާއި ރީޓެއިލް އަދި އެކޮމޮޑޭޝަން އަދި ކާބޯތަކެތީކެ ހިދުމަތް ދޭ ތަންތަން ހިމެނޭ ގޮތަށް ސާވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 31 ޕަސެންޓް ހާމަކުރާ ގޮތުގައި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ފެންނަނީ 200 ޑޮލަރަށްވުރެ ދަށުގަ އެވެ. އަދި 47 ޕަސެންޓް ވިޔަފާރިން ހާމަކުރާ ގޮތުގައި މި އަދަދު ހުންނަން ވާނީ 200 އެމެރިކާ ޑޮލަރާއި 300 އެމެރިކާ ޑޮލަރާ ދެމެދުގަ އެވެ. އަދި މި ދާއިރާ އިން ސާވޭގައި ބައިވެރިވި 16 ޕަސެންޓް ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 300 އެމެރިކާ ޑޮލަރާއި 400 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ކަނޑައަޅަން ފެންނަ ކަމަށް ހާމަ ކޮށްފައި ވާއިރު ހަޕަސެންޓް ވިޔަފާރިތަކުން ދެކެނީ މި އަދަދު ހުންނަން ވާނީ 400 އެމެރިކާ ޑޮލަރަށްވުރެ މަތީގައި ކަމަށެވެ.
ޓޫރިޒަމް ދާއިރާ އިން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ ތެރެއިން 35 ޕަސެންޓް ހާމަކުރާ ގޮތުގައި މިނިމަމް ވޭޖުގެ
ގޮތުގައި ކަނޑައަޅަން ފެންނަނީ 200 އެމެރިކާ ޑޮލަރަށްވުރެ ދަށް އަދަދެކެވެ. އަދި 49 ޕަސެންޓް ވިޔަފާރިތަކުން ހާމަކުރާ ގޮތުގައި މި އަދަދު ކަނޑައަޅަން ފެންނަނީ 200 އެމެރިކާ ޑޮލަރާއި 300 އެމެރިކާ ޑޮލަރާ ދެމެދުގައެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި 300 އެމެރިކާ ޑޮލަރާއި 400 އެމެރިކާ ޑޮލަރާއި ދެމެދުގައި ބަހައްޓަން ފެންނަ ކަމަށް ސާވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 16 ޕަސެންޓް ވިޔަފާރިތަކުން ހާމަ ކޮށްފައިވެ އެވެ.
މުޅި ސާވޭއަށް ބަލާއިރު މިނިމަމް ވޭޖުގެ ގޮތުގައި 200 އެމެރިކާ ޑޮލަރާއި 300 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ކަނޑައަޅަން ފެންނަ ކަމަށް 47 ޕަސެންޓް ވިޔަފާރިތަކުން ހާމަ ކޮށްފައިވެ އެވެ. އަދި މިނިމަމް ވޭޖް ގޮތުގައި 300 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް ކަނޑައަޅަން ފެންނަ ކަމަށް ސާވޭގައި ބައިވެރި 21 ޕަސެންޓް ވިޔަފާރިން ބުނެފައިވެ އެވެ.
ވަޒީފާ އަދާކުރާ ފަރާތާއި އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތަކުގެ މިންގަނޑުން ހިސާބު ކުރުމުން، މިނިމަމް ވޭޖުގެ ގޮތުގައި
މަހެއްގެ މައްޗަށް މީހަކަށް ބޭނުންވާ ކަމަށް އޭރު ދައްކަނީ 5،777ރ. ރުފިޔާ އާއި 8،635 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މި އަދަދުތައް އިންފްލޭޝަން އެ ޖަސްޓް ކުރުމުން އަންނަނީ، 6،008 ރުފިޔާ އާއި 8،981 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި އިގްތިސާދީ މިންގަނޑުތަކުން ހިސާބުކޮށް މިނިމަމް ވޭޖް ކަނޑައެޅުމުގައި ބެންޗްމާކްއެއްގެ ގޮތުގައި ހޯދުނީ މަހެއްގެ މައްޗަށް 3،966 ރުފިޔާ އާއި 6،292 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
މި އަދަދުތައް އިންފްލޭޝަން އެޖަސްޓު ކުރުމުން އަންނަނީ 4،125 ރުފިޔާ އާއި 6،544 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި 5،000 ރުފިޔާ އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް ހިމަނައި، އޭގެ ސަބަބުން މުވައްޒަފުންގެ އަދަދަށާއި މުސާރަޔަށް ކުރާނެ އަސަރާއި އަދި އެފަދަ ޢަދަދުތަކެއް ކަނޑައެޅުމުގެ ސަބަބުން ވިޔަފާރީގެ ހަރަދު އިތުރުވާނެ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެއް ވެސް މި ރިޕޯޓުގައި ހިމަނާފައިވެ އެވެ.
ދިރާސާ އަށްފަހު ބޯޑުން ނިންމާފައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކަށް އެންމެ ކުޑަމިނުން މަހެއްގެ މައްޗަށް ދެވޭނެ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަމަށް ކަނޑައެޅަން އިކޮނޮމިކް މިނިސްޓަރަށް ލަދާ ދިނުމަށެވެ. މިއީ ގަޑިއިރަކަށް ޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ވަޒީފާއާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން މަހަކަށް 26 ދުވަސް ކަމުގައި ބަލައި އަދި ދުވާލަކަށް އަށް ގަޑިއިރުގެ ރޭޓުން ބަލާނަމަ ގަޑިއިރަކަށް 77.30 ރުފިޔާގެ ރޭޓުންނެވެ. ނަމަވެސް ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓެލްތަކުގެ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މި ތަފާތު ގެނައުމުގައި ނޭޝަނަލް މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ އާއި ވަޒީފާ އަދާކުރާ ފަރާތާއި އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތަކުގެ މިންގަނޑުން ކަނޑައެޅުނު 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައަޅަން ލަފާދީފައިވެ އެވެ. ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިސްޓް ހޮޓެލްތަކަށް ގަޑިއިރަކަށް ޖެހޭ އަދަދު ހިސާބުކުރުމަށް އެ ދާއިރާތަކަށް ކަނޑައެޅޭ މިނިމަމް ވޭޖުގެ އަދަދުގެ ނިސްބަތުން، މަހަކަށް 26 ދުވަސް ކަމުގައި ބަލައި އަދި ދުވާލަކަށް އަށް ގަޑިއިރުގެ ރޭޓުންނެވެ.