ދުނިޔެ

އެމެރިކާ-އީރާން، ކުށްވެރިން ބަދަލުކުރަނީ

އެމެރިކާއާ އީރާނުން ކުށްވެރިން ބަދަލު ކުރަނީ އެވެ. އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ހަތީބުޒާދާ ވިދާޅުވި ގޮތުން މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި އަމަލީ މަސައްކަތްތައް ވެސް އޮތީ ފެށިފަ އެވެ.

އެމެރިކާ އަދި ހުޅަނގު ގައުމުތަކުގައި ހައްޔަރު ކޮށްފައި ތިބި އީރާން މީހުން ދޫކޮށްލުމާ ބެހޭ ގޮތުން އީރާނާއެކު މަޝްވަރާ ކުރެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ކުރިން ވިދާޅުވި އެވެ. އެހެން ނަމަވެސް ދެ ގައުމުން އެއްބަސް ވަނީ ކޮން ޝަރުތުތަކަކަށް ކަމެއް އަދި ނޭނގެ އެވެ.

އީރާނުން ބުނީ އެމެރިކާއާ ބައިވެރިން ހައްޔަރު ކޮށްފައި ތިބި އީރާން މީހުން ދޫކޮށްލައިފި ނަމަ އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާގެ ޖާސޫސުންނާއި ސިޔާސީ މީހުން ދޫކޮށްލާނެ ކަމަށެވެ. މިއީ އީރާންގެ ނިއުކްލިއާ ޑީލަށް އެނބުރި ދިއުމަށް އެމެރިކާއާ ހުޅނަގުގެ ގައުމުތަކުން އީރާނާއެކު ކުރަންމުން ގެންދާ މަޝްވަރާތަކުން ލިބުނު ކުރިއެރުމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާއާއެކު ކުށްވެރިން ބަދަލު ކުރުމަށް އީރާންގެ ފޮރިން މިނިސްޓްރީން ވެސް ޝަރުތުތަކެއް ކަނޑައެޅި ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ގޮތް ކިޔުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެމެރިކާގެ ރައިސްކަމުގައި ޓްރަމްޕް ހުންނެވިއިރު، ޖޫން 2020 ގައި ވެސް ދެގައުމުން ކުށްވެރިން ބަދަލު ކުރި އެވެ. އެމެރިކާއިން އީރާންގެ ސައިސްވެރިޔާ މާޖިހު ތެހެރީ ދޫކޮށްލުމުން އީރާނުން ވަނީ އެމެރިކާ ކަނޑުގެ ސިފައިންގެ ރަޖުރިބާކާރު މައިކަލް ވައިޓް ދޫކޮށްލާފަ އެވެ.

ބާރަކް އޮބާމާ ސަރުކާރުން ވެސް ކުށްވެރިން ބަދަލުކުރުމަށް އީރާނާއެކު ޑީލެއް ހެދި އެވެ. އެގޮތުން އެމެރިކާއިން ހަތް މީހަކު ދޫކޮށްލުމުން އީރާނުން ތިން މީހަކު ދޫކޮށްލި އެވެ.

އެމެރިކާއާ އިރާނުން ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުން މީޑިއާގައި ކުރިން ދެކެވުނު ވާހަކަތައް އިރާނުން ދޮގުކުރި އެވެ. އެހެން ނަމަވެސް އީރާންގެ ފޮރިން މިނިސްޓްރީން މިހާރު އެވަނީ އެކަމާ ގުޅުން ހުރި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ބުނެފަ އެވެ.