ޔޫތު މިނިސްޓްރީ

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ރަައީސަށް ސްޓޭޓް މިނިސްޓަރުކަން

މިނިސްޓަރު އޮފް ސްޓޭޓް ފޯ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެގެ މަގާމަށް މއ. ބޯގަންވިލާ ހުސައިން އިސްމާއީލް އައްޔަން ކުރައްވައިފި އެވެ.

ހުސައިން އިސްމާއީލް އަކީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސްއެވެ. އަދި ހުސައިން އިސްމާއީލް އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއާމަންއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތައްވެސް ހުސައިން އިސްމާއީލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ހުސައިން އިސްމާއީލް އަކީ މިސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެ އެވެ. ހުސައިން އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބާޖް އިން ޑިޕްލޮމާ އިން މާކެޓީން އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިގް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މީގެ އިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް މ.ބާންސާގެ މުހައްމަދު ޝިހާބުވެސް ވަނީ އައްޔަން ކުރައްވާފައެވެ. މުހައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މުހައްމަދު ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން ވެސް މުހައްމަދު ޝިހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ.