ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން، އޭނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ ތަހުގީގަށް މިއަދު ހާޒިރުވެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މަޖީދީ މަގުގައި ހެންވޭރު ބޯޅަ ދަނޑު ކުރިމައްޗަށްވާ ގޮތަށް ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެވަޑައިގެން ފައްޔާޒު ވިދާޅުވީ ތަހުގީގަކަށް ކަމަށް ބުނެ އޭނާ ފުލުހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އާރްޑީސީގައި ހިންގި ކަމަށް ބުނާ ހިޔާނާތަކީ އޭނާއާ އެއްވެސް ގުޅުމެއް ހުރި މައްސަލައެއް ވެސް ނޫން ކަމަށެވެ. އޭނާއާ އެ މައްސަލަ ގުޅުވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް މިނިސްޓަރު އިހްސާން ކަމަށްވެސް ވިދާޅުވި އެވެ.
"ބޮޑު ކަންތައްގަނޑަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންގެ އަބުރު ކަތިލަން ކުރި ކަމެއް [މިކަމަކީ]," ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އޭނާއާ ސުވާލުކުރީ މާކުރިން އޭނާއާ ގުޅިފައިވާ ކުންފުންޏަކުން ނަގާފައި އޮތް ލޯނަކާ ގުޅިގެން ކަމަށެވެ. އަދި އެ މައުލޫމާތަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާމަކޮށްފައިވާ ވަޒީރުންގެ މާލީ ބަޔާނުގައި ހުންނާނެ މައުލޫމާތު ކަމަށްވެސް ވިދާޅުވި އެވެ.
"މައުލޫމާތު ހާމަކޮށްފައި އޮތް އެއްޗެއްގައި ހިފައިގެން ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތް [މިއީ]. އަޅުގަނޑު ބިރު ނުގަންނާނެކަން ފުލުހުންނަށް އެނގޭނެ،" ފުލުހުންގެ އިދާރާގައި 35 މިނެޓް އިންނެވުމަށްފަހު ނިކުމެވަޑައިގެން ފައްޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ އާރްޑީސީގެ ހިޔާނާތާއި ފައްޔާޒާ ގުޅޭ ޖިނާއީ އެއްވެސް ތުހުމަތެއް ފުލުހުން މިއަދު ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން މީގެކުރިން ހާމާކުރި މައުލޫމާތުގައި ބުނެފައިވަނީ ނިމިދިޔަ ސަރުކާރުގައި އާރްޑީސީގެ ހިޔާނާތް ހިންގިއިރު އެކަމުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވޭ ކަމަށެވެ. މި ތިން މީހުންގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.