ޖަޕާން

ޖަޕާނު ސްކޯލާޝިޕް އެއްބަސް ވުމުގައި ސޮއި ކޮށްފި

ޖަޕާނުގެ އެހީގައި ހިއުމަން ރިސޯސް ޑެވެލޮޕްމެންޓް ސްކޮލާޝިޕް (ޖޭޑީއެސް) ދިނުމުގެ ޕރޮޖެކްޓްގެ އެއްބަސް ވުމުގައި ސޮއި ކޮށްފި އެވެ.

މި އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ ޖަޕާނުން ރާއްޖެޔައް ކަނޑައަޅާފައިވާ އެމްބެސެޑާ ކެއިކޯ ޔަނައި އަދި ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފްލާ ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީގަ އެވެ.

މި އެއްބަސް ވުމުގެ ތެރެއިން ރާއްޖެއަށް 110 މިލިއަން ޔެންގެ ގްރާންޓެއް ލިބޭނެ އެވެ. މިއީ ގައިގަނޑަކަށް 995،000 އެމެރިކާ ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާ އެވެ. އަދި މި ގްރާންޓްގެ ދަށުން ހަ ފަރާތަކަށް ޖަޕާންގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީ ތަކުން މާސްޓާސް ޑިގްރީ އާއި ހަމައަށް އެއްކޮށް ކިޔެވުމަށް ސްކޮލާޝިޕް ދޭނެ އެވެ.

މި ޕްރޮގްރާމް 2020 ގައި ވެސް ކުރިއަށް ގެންގޮސްްފައި ވެއެވެ. އަދި މިއަހަރު ވެސް އިތުރު ހަ ފަރާތަކަށް މި ފުރުސަތު ހުޅުވާލާނެ އެވެ.

ޖޭޑީއެސް އަކީ ޖަޕާނު ސަރުކާރުން 1999 ވަނަ އަހަރުން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިހާތަނަށް 15 ގައުމަކަށް ވަނީ ސްކޮލާޝިޕް ދީފައި ވެއެވެ.