މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނާ ގުޅޭ ހަތަރު ގަވައިދަކަށް އަމަލުކުރަން ފަށައިފި

Jul 17, 2021

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަވަންޖެހޭ ހަތަރު ގަވައިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ގެޒެޓްކޮށްފައިވާ ހަތަރު ގަވައިދަކީ ފުލުހުންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ދޫކުރުމާ ބެހޭ ގަވާއިދަކާއި، ލިޔެކިޔުން ކްލެސިފައި ކުރުމުގެ ގަވާއިދަކާއި، ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ގަވާއިދެއްގެ އިތުރުން ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދެކެވެ.

ފުލުހުންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ދޫކުރުމާ ބެހޭ ގަވާއިދަކީ ފުލުހުންގެ ވަސީލަތްތަކާއި ސާމާނުތައް ބޭނުންކުރުމުގެ ހަމަތަކާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބެލެހެއްޓުމާއި އެތަކެތީގެ ބޭނުން ހިފުމާ ގުޅޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ގަވައިދެވެ.

ރަސްމީ ލިޔުންތައް ކްލެސިފައި ކުރުމުގެ ގަވާއިދަކީ ފުލުހުން ބޭނުންކުރަމުންދާ ލިޔެކިޔުމާއި ތަކެއްޗާއި ތަންތަނާއި އާލާތްތައް ކްލެސިފައިކޮށް ބޭނުންކުރުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅައިދޭ ގަވައިދެ އެވެ. އަދި ރަސްމީ ލިޔުންތައް ކަނޑައެޅުމާއި ލިޔުންތައް ގިންތި ކުރުމާއި އެކު އެފަދަ މައުލޫމާތު ސިއްރުކުރުމާއި އަދި ހާމަކުރެވޭނެ މިންގަނޑުތައް ވެސް މިގަވައިދުގައި ކަނޑައަޅައިދެ އެވެ.

ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ގަވާއިދަކީ ތަމްރީންގެ ސިޔާސަތުތަކާއި، އުސޫލީ މިންގަނޑާއި، ކިޔަވައިދޭ މީހުންގެ ޝަރުތުތަކާއި، ފުލުހުންގެ ތަމްރީން މަރުކަޒުތައް ގާއިމުުކުރުމާ ބެހޭ ގަވައިދެވެ.

ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭނެ ޗުއްޓީގެ ބާވަތްތަކާއި ޗުއްޓީގެ މުއްދަތާއި ސަލާމް ބުނުމާއި ސަލާމް ބުނެވޭނެ ހާލަތްތަކާއި ގޮތްތައް އަދި ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެވެ.

ފުލުހުންނާ ގުޅުންހުރި ގަވައިދުތަކެއް އެކުލަވާލާ އަމަލުކުރަން ފަށާފައި މިވަނީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރާތާ ގިނަ ވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ގަވައިދުތައް އެކުލަވާލާ އަމަލުކުރަން ގާނޫނުގައި ލާޒިމްކޮށްފައިވާ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށެވެ.