މުހައްމަދު ހަމީދު

ފުލުހުންގެ ހިދުމަތަށް އާންމުންގެ އިތުބާރު ބޮޑުކުރެވިއްޖެ: ހަމީދު

ފުލުހުންގެ އިދާރާއަށް އާންމުން ކުރާ އިތުބާރާއި ޔަގީންކަން ބޮޑުކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިވަގުތު އޮސްޓްރޭލިޔާގައި ހުންނެވި ހަމީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2019 އިން 2014 އަށް އެކުލަވާލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންކަން ހާސިލްކުރުމަށް ކޮވިޑް 19 އާއި ގުޅިގެން ދަތިތަކެއް ކުރިމަތިވި ނަމަވެސް ގިނަ ކަންކަން ހާސިލްކުރެވުނު ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތް އަލ؛ުން ރީސްޓްރަކްޗާ ކުރުމާއި ގާނޫނީ ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމާއި، އަވަށްޓެރި ފުލުހުންގެ ހިދުމަތް ފެށުމާއި، ދުރާލާ ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުކުރުމަށް ހާއްސަ ފިޔަޅުތަކެއް އެޅުމާއި، ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން އެޅުނު ފިޔަވަޅުތައް ކާމިޔާބީގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"މިދެންނެވި ގޮންޖެހުންތަކާއެކުވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތައް ވަނީ ހާސިލްކުރެވިފައި،" ހަމީދު ވިދާޅުވި އެވެ.

މީގެއިތުރުން ޓްރެފިކް ކުށްތަކާއި ގުރޫޕް މާރާމާރީ ހުއްޓުވަން ކުރެވުނު މަސައްކަތްތަކާއި ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޮޑީ ކެމަރާ ބޭނުންކުރަން ފެށުމާއި، އައްޑޫގައި ހަދާފައިވާ ފުލުހުންގެ ޓްރެއިނިން މަރުކަޒު ބޭނުންކުރަން ފެށުމާއި އާބާދީ ބޮޑު ސަރަހައްދުތަކަށް ހައި ވިޒިބިލިޓީ ފުލުހުން ނެރެ ކުރެވުނު މަސައްކަތްތައްވެސް ހަމީދު ފާހަގަކުރައްވާފައިވެ އެވެ.

ހަމީދު ވިދާޅުވީ މަދު ވަސީލަތްތަކާ އެކު ވެސް ކާމިޔާބީތަކެއް ހޯދުނީ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި އެކަން ފާހަގަކުރައްވާ ހަމީދު ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ފުލުހުންގެ ހިދުމަތުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ އަދި އިތުރަށް ތަރައްގީކުރަންޖެހޭ ކަންކަން ހުންނާނެކަން ފާހަގަކުރައްވާ ހަމީދު ވަނީ ފުލުހުންގެ ހިދުމަތަ ދެން ހަވާލުވާ ވެރިންވެސް މިހާރުކުރެވިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންގޮސް ހަރުދަނާކުރުމަށް އެދިވަޑައިގެންފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިމަހުގެ 11 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވާނެ ކަމަށް ކުރިން އިއުލާންކުރައްވާފަ އެވެ.