މޯލްޑިވްސް ޕޮލިސް ސާވިސް

ކޮންމެ ފުލުހަކުވެސް ލީޑަޝިޕް ދެއްކުމަށް އެދިވަޑައިގެންފި

ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން އަދާކުރާ މަސްއޫލިއްޔަތުގައި ލީޑަޝިޕް ދެއްކުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފި އެވެ.

ކޮމިޝަނާ ހަމީދު މިކަމަށް އެދިވަޑައިގަތީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން އައްޑޫގައި ކުރިއަށް ގެންދިޔަ ދެވަނަ "އިންސްޕެކްޓަ ކޯސް'' ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

ހަމީދު ވިދާޅުވީ ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓާ ކޯސް ހާއްސަވާ މުހިއްމު ސަބަބަކީ މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނަކަށް ވާތީ ކަމަށެވެ.

"ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ހާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ހާއްސަ ޝަރަފެއް،" ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިގޮތުން އިންސްޕެކްޓާ ކޯހުން މަތީ ވަނަ ހޯދާ ފުލުހުންނަށް، ކޮމިޝަނާ އޮފް ޕޮލިސްގެ ހާއްސަ ފެލޯޝިޕެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށް އިއުލާންކުރެއްވި އެވެ. މި ފެލޯޝިޕް ލިބޭ ފުލުހުންނަށް، އެ ފުލުހެއްގެ މަސައްކަތުގެ ދާއިރާއިން ބޭރު ގައުމެއްގެ ފުލުހުންގެ އިދާރާއެއްގައި ކަނޑައެޅޭ މުއްދަތަކަށް ތަޖުރިބާ ހޯދުމަށް އެޓޭޗްމަންޓުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މި ފެލޯޝިޕާ ގުޅޭ އިތުރު ތަފްސީލު އެކަމާ ގުޅޭ ބަހާއިން ވަރަށް އަވަހަށް އިއުލާނުކުރާނެ،" ސީޕީ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން، އަދާކުރާ މަސްއޫލިއްޔަތުގައި ލީޑަޝިޕް ދައްކަންޖެހޭ ބައެެއް ކަމަށާއި ޒަމާނީ ޕޮލިސިންގެ އޮނިގަނޑުތަކާއި އިންތިޒާމުތައް ފުލުހުންގެ ތެރޭގައިވެސް އެބަހުރި ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުގައި ޕެޝަން ވަރަށް މުހިންމު ކަމަށާއި ފުލުހުންގެ ހިދުމަތަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ހިދުމަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މި މަސައްކަތުގައި ޕެޝަނާއެކު ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް ރަނގަޅު ޕޮސިޓިވް އެޓިޓިއުޑެއްގައި ހުރުން އެއީ ވަރަށް މުހިއްމު ކަމެއް،" ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނާ އިތުރަށް ވިދާޅުވީ މިއަދު ފުލުހުންގެ މުއައްސަސާއަށްވެސް ބޭނުންވަނީ މުސްތަގުބަލުގެ ނުރައްކާތަކާިއ އާންމު ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުން ކަމަށެވެ. އަދި ބަވަނަ ވަމުން ބަދަލުވަމުންދާ ދުނިޔެއެއްގައި، އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު ފުރިހަމަކުރި ތަމްރީނުގެ އަލީގައި އެފަދަ އައު ހައްލުތައް ހުށަހަޅައި ތަންފީޒުކުރާނެ ފުލުހުންކަމުގައި ކޯހުގެ ބައިވެރިން ވާނެކަމަށް އުއްމީދުކުރަން،" ސީޕީ ވިދާޅުވި އެވެ.